ޚަބަރު

މަޖިލީހުގެ ހުރިހާ މަސައްކަތެއް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރަން ރިޔާސަތުން ނިންމަވައިފި


  • މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ގިނަ މަސައްކަތްތަކެއް ކުރައްވާ

  • މަޖިލީހުގެ ކޮމިޓީތަކުގެ މައުލޫމާތު މީގެފަހުން ހާމަކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް ރިޔާސަތުން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިގޮތަށް ނިންމެވީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޖަލްސާގެ އިތުރުންވެސް މަޖިލީހުގައި މެންބަރުންގެ އިތުރު މަސައްކަތްތައް ކުރިއަށްދާކަން އެ ޖަލްސާގައި ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރިޔާސަތުން އެ ދުވަހެއްގެ ޖަލްސާގެ އެޖެންޑާ އިއުލާންކުރައްވައެވެ. ނަމަވެސް އެ ދުވަހަކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މިހާތަނަށް ޖަލްސާތަކުގައި ރިޔާސަތުން ހާމަ ނުކުރައްވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅެއްގެ ޒިންމާއެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެ ދުވަހަކު ތަރުތީބުވެފައި އޮންނަ ގޮތެއް އެ ދުވަހެއްގެ ޖަލްސާގައި މީގެފަހުން ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު މަޖިލީހުގެ ތަޅުމުން ބެލުންތެރިންނަށް މަދު މެންބަރުންތަކެއް ފެނުނުމުން ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަނަންގަވާކަމަށް ހީވެދާނެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. މެންބަރުން ތަޅުމުގައި ފެންނަ ނެތްނަމަވެސް ޖަލްސާ ކުރިއަށްދާ ވަގުތުވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް މި ހިނގާގޮތަކީ މިސާލަކަށް މިއަދު އަޅުގަނޑުމެން މަޖިލީހުގެ ތަޅުމުގައި މި ހޭދަކުރީ 1 ގަޑިއިރާ 12ވަރަކަށް މިނެޓް. ބިލުގެ ބަހުސްގެ. މިތަނުން ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާ ފެށިގެން މިދަނީ، އެ ބިލަކާ ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، އެއާގުޅޭގޮތުން މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، އެ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް، އަދިވެސް ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދާ، ވަރަށް ބުރަ މަސައްކަތްތަކެއް ކޮމިޓީތަކުގައި ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް މި އަންނަނީ. އެހެންވީމަ އެ ހޭދަވާ ވަގުތުވެސް މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަމުންގެންދާ ވާހަކަ ދެންނެވުން އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވަނީ މި ރަމަޟާން މަހުގެ ހެޔޮކަމާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.