ޚަބަރު

ރޯދަ ބަދިގެ: "ޑޭޓް ޝޭކް"


  • މިއީ ހަށިގަނޑަށް ފައިދާހުރި ބުއިމެއް

ކަދުރު އާއްމުކޮށް ބޭނުންކުރަނީ ރޯދަވީއްލުމާއި އަދި ބައެއް ކަހަލަ ފޮނި ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތެއްގެ ގޮތުގައެވެ.
މިއަދުގެ ރޯދަ ބަދިގޭގައި މި ގެނެސްދެނީ ކަދުރު އަޅައިގެން މީރު ބުއިމެއް ތައްޔާރުކުރާނެ ގޮތެވެ. މިއީ ހަށިގަނޑަށް ފައިދާހުރި އަދި ރޯދައަށް ހުންނައިރު ހަށިގަނޑުގައި ވަރު ޖައްސާލުމަށްވެސް ބޭނުންކުރެވޭނެ ބުއިމެކެވެ.

ބޭނުންވާ ތަކެތި:

ކަދުރު (ކިރުގައި ފޯކޮށްފަ)
ކިރު
ފޮނިތޮށި (މުގުރާފަ)
އާމަންޑް ނަޓްސް
އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް:

"ޑޭޓް ޝޭކް" ތައްޔާރުކުރުމަށް އެންމެ ފުރަތަމަ ޖެހެނީ، ދިޔާ ކިރުކޮޅަކަށް ކަދުރުކޮޅު އެޅުމަށްފަހު ފޯކޮށްލުމަށް ބަހައްޓާށެވެ. ކަދުރު ރަނގަޅަށް ފޯކޮށްލުމަށް، ބުއިން ތައްޔާރުކުރުމުގެ އެއް ރޭ ކުރިން ކަދުރު ފޯކުރުމަށް ބެހެއްޓިދާނެއެވެ. ގިނަ ވަގުތު ބަހައްޓާނަމަ ފްރިޖްގައި ބެހެއްޓޭނެއެވެ.

ބުއިން ތައްޔާރުކުރުމަށް، ފޯކުރި ކަދުރާއި ކިރުކޮޅު އެކީއެކައްޗަކަށް މިކްސަރަށް އަޅާނީއެވެ. އަދި މުގުރާފަ ހުރި ފޮނިތޮށިކޮޅު ރަހަލާވަރަށް އަޅާނީއެވެ. ދެން އާމަންޑް ނަޓްސް އައިސްކިއުބް އަދި އިތުރަށް ކިރު އަޅަން ބޭނުންނަމަ އަޅައިގެން ރަނގަޅަށް މިކްސްޗަރުގައި ގިރާލާނީއެވެ. އޭރުން "ޑޭޓް ޝޭކް" ތައްޔާރުވީއެވެ.

މި ބުއިމަށް ހަކުރެއް ނާޅައެވެ. އެއީ ކަދުރަކީ އޭގެ ޒާތުގައިވެސް ގަދަ ފޮނި ރަހައެއް ހުންނަ އެއްޗަކަށް ވާތިއެވެ. ނަމަވެސް އިތުރަށް ފޮނި ރަހަ ގަދަކޮށްލަން ބޭނުން ނަމަ ހަކުރު ބޭނުންކުރެވޭނެއެވެ. މި ބުއިމަކީ ސިއްޙަތަށް ފައިދާހުރި ބުއިމެއް ޚިޔާރުކުރާ މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ.

ޕީއެސްއެމް ނިއުސްގެ "ރޯދަ ބަދިގެ" ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެލްގެ އެހީތެރިކަމާއެކުއެވެ.