ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މި އަހަރުގެ ފަހުކޮޅު އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވީ އޭގެ އެންމެ ބޮޑު ސަބަބަކީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ ސްވިމިން ކަހަލަ ކުޅިވަރަކުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދިދާނެ މުބާރާތެއް ކަމަށެވެ.
އިސްމާޢީލް ވިދާޅުވީ އެސޯސިއޭޝަނުން ވަކި އަމާޒަކަށް މަސައްކަތް ކުރި ނަމަވެސް، ފެތުންތެރިންގެ ވިސްނުން ބޮޑަށް ހުރީ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕަށް ކަމަށެވެ. މި އަހަރުގެ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި މަހު ސިންގަޕޫރުގައެވެ. އިސްމާޢީލް ވިދާޅުވީ ވޯލްޑް ޗެމްޕިއަންޝިޕުގައި އާންމުކޮށް ރާއްޖެއަށް ލިބެނީ ހަތަރު ޖާގަ ކަމަށާއި، ދެންހުރި ޖާގަތަކަށް އަމިއްލަ ޚަރަދުގައިވެސް ފެތުންތެރިން ބައިވެރިވާނެ ކަމަށެވެ.
ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕާއި އެކުއެޓިކްސް ޗެމްޕިއަންޝިޕުގެ އިތުރުން އޭޝިއަން ޔޫތު ގޭމްސްއަށް ގައުމީ ޓީމު އެކުލަވާލަށް ޓްރަޔަލްތައް އަންނަ އޭޕްރީލް މަހު ބާއްވާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. ހަމަ އެއާކު އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއަށް ގައުމީ ޓީމު އެކުލަވާލުން އޮންނާނީ އަންނަ ޖޫން މަހު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ހަރަކާތްތައް ރާވާލާފައިވާ ގޮތުން ބޭރުގެ މުބާރާތްތަކަށް އަބަދުވެސް އަހަރަކު ދެ ޓްރަޔަލެއް ޖަހާނެ." އިސްމާޢީލް ވިދާޅުވިއެވެ.
ސްވިމިން އެސޯސިއޭޝަނުގެ މި އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ދިވެހި ފެތުންތެރިން ވާދަކުރާނެއެވެ.