ޚަބަރު

ރަމަޟާންމަހު މާލޭގެ 5 ސަރަހައްދެއްގެ ޓްރެފިކް ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަހައްޓަނީ


  • ބާޒާރުމަތީގައި ފުލުހުންގެ ޙާއްސަ ޓީމްތައް ހަރަކާތްތެރިވާނެ

  • 22 މިސްކިތެއްގެ ކައިރީގައި ޙާއްސަ ސަމާލުކަމެއްދީގެން ޓްރެފިކް ބަލަހައްޓާނެ

މިއަހަރުގެ ރަމަޟާންމަހު މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި 5 ސަރަހައްދެއްގައި ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމާއި އަދި ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ 2 ފުރޮޅުލީ 433 އުޅަނދެއް އަދި 4 ފުރޮޅުލީ 33 އުޅަނދެއް ނަގާފައިވާކަމަށެވެ.

ރަމަޟާންމަހު ފުލުހުން ޚާއްސަ ސަމާލުކަމެއްދީގެން 5 ސަރަހައްދެއްގެ ޓްރެފިކް ބަލަހައްޓަމުން ގެންދާނެކަމަށް ތޮލްހަތު ވިދާޅުވިއެވެ. އެއީ ބާޒާރުމައްޗާއި، މިސްކިތްތަކާއި، ބޮޑެތި މަގުތަކާއި ބްރިޖާއި ހައިވޭ ސަރަހައްދެވެ.

ފެބްރުއަރީ 15 އިން ފެށިގެން ބާޒާރު މައްޗަށް ވަކި ޓީމެއް ކަނޑައަޅައިގެން ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމާއި، ޕޭމަންޓާއި ޕޭމަންޓްމަތީގައާއި ޒޯންތަކުގައި ކުނި ބަހައްޓަފައި ހުރި ފަރާތްތަކަށް ނަސޭހަތްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާޒާރު ސަރަހައްދުގައި އުޅަނދު ޕާކުކުރުމަށްވެސް ފުލުހުން ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށް ތޮލްހަތު ވިދާޅުވިއެވެ.

"ބާޒާރުމަތީގެ ވަކި ސަރަހައްދެއް ވާނީ ހެނދުނު 6:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް އެއީ ޕާކުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި. ހަމައެއާއިއެކު އެ ސަރަހައްދުގައި ޕާކުކުރެވޭނެ ރޭގަނދު 6:00 އިން ފެށިގެން އިރުއަރާ 6:00 އަށް. ދެން އަޅުގަނޑުމެން މިހާރު ސިޓީ ކައުންސިލާއި ގުޅިގެން މި ސަރަހައްދުގައި އަޅުގަނޑުމެން ހުންނާނީ މުދާ ބާލާ ސަރަހައްދުތަކާއި، ޕިކަޕްތައް މަޑުކުރަންވީ ސަރަހައްދުތައް ކުރަހާފައި." ތޮލްހަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ ސަރަހައްދުގައި ބާރުބޮޑުވާ 22 މިސްކިތެއްކައިރި ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަހައްޓަމުންދާނެކަމަށެވެ. ކޮންމެ ނަމާދު ވަގުތެއްގައި ޓްރެފިކް ފްލޯއަށް ބެލުމަށްފަހު މިސްކިތްތަކުގެ ކައިރި ބަންދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިސްކިތައް ވަޑައިގަންނަވާއިރު ގެއާއި ކައިރި މިސްކިތެއްގައި ހިންގަވާފައި ވަޑައިގަތުމަށް އެދޭކަމަށެވެ. އަދި ސައިކަލުގައި ވަޑައިގަންނަވާއިރުވެސް ރަނގަޅު ޒޯނެއްގައި ޕާކުކޮށްފައި ވަޑައިގެންނެވުމަކީ މުހިންމު ކަމެއްކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ވިދާޅުވިއެވެ.

"ހުރިހައި މިސްކިތެއްގައިވެސް ބާރުބޮޑުވާ ވަގުތައް ބަލައި 4 ފުރޮޅަށް އަޅުގަނޑުމެން ބަންދުކުރަމުންދާނަން. އެކަމަކު ބަންދުކުރާނީ އެ ވަގުތައް ބަލައި ކޮންމެ ނަމާދެއްގެ ވަގުތުގައިވެސް މިސްކިތުގެ ޓްރެފިކް ފްލޯއަށް ބަލައި ބަންދުކުރަމުންދާނީ. ބަންދުކުރާ ވަގުތުތައް ފެށޭނީ ނަމާދު ވަގުތުގެ 10 މިނެޓްކުރިން އަދި ނަމާދު ނިމިގެން އެ ސަރަހައްދު ކްލިއަރ ވަންދެން. ނަމާދު ވަގުތުތަކަށާއި، ތަރާވީހް ނަމާދު ވަގުތުތަކަށާއި ދަމުނަމާދުގެ ވަގުތުތަކުގައި އަޅުގަނޑުމެން ޓްރެފިކް ބަހަލައްޓަމުން ގެންދާނަން". ތޮލްހަތު ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ ބޮޑެތި މަގުތަކުގައާއި ބްރިޖާއި ހައިވޭ ސަރަހައްދުގައިވެސް ބާރުބޮޑުވާ ގަތިތަކުގައި ޓްރެފިކް ފްލޯ ފުލުހުން ބަހައްޓަމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އާންމުގޮތެއްގައި ބާރުބޮޑުވާ ވަގުތުތަކެއްގެ ގޮތުގައި ފާހަގަވެފައިވަނީ އޮފީސްތައް ފެށޭ ވަގުތާއި އަދި ހަވީރުގެ ވަގުތުގައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.