ހއ. އިހަވަންދޫގައި ތަރައްޤީކުރާ "ފުއްޓަރު އުފާ" މައިޒާނުގެ ބިންގާ އަޅައިފިއެވެ.
މި މައިޒާނުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"ފުއްޓަރު އުފާ" މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ރަށުގެ ކައުންސިލާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްޤީކުރާ ތަނެކެވެ. މި މައިޒާން ޤާއިމުކުރަނީ އިހަވަންދޫ އާމިނާދިޔޯ ސިއްޙީ މަރުކަޒުކައިރީގައި އޮންނަ ރަށުގެ ފުއްޓަރު ފަރާތުގައެވެ. މިއީ އިހަވަންދޫގައި އަލަށް މީހުން އާބާދުވާން ފަށާފައިވާ ސަރަޙައްދެކެވެ.
މިފަދަ ތަނެއް ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގެ ރައްޔިތުންނަށް އާއިލާއާއެކު ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން އެކި އުމުރުގެ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ތަފާތު ވަޞީލަތްތަކާއި، އިށީންދެވޭނެހެން ހަޓްތަކާއި އަށިތައް މިތަނުގައި ހެދިގެންދާނެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.
މިތަން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މުޅި މައިޒާން ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާ ބޭނުންކުރަން ފެށޭނެކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.
މި މައިޒާން ޑިޒައިންކޮށްފައިވަނީ ތަފާތު އެކި އެކި ހަރަކާތްތަކާއި އިވެންޓްތަކަށްވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް، ތިމާވެއްޓާވެސް ރައްޓެހި ފެހިކަންގަދަ ސަރަޙައްދެއްގެ ގޮތުގައެވެ. މިއީ އެ ސަރަޙައްދުގައި ދިރިއުޅެން ފަށާ ރައްޔިތުންގެ އިތުރުން އެރަށަށް ޒިޔާރަތްކުރާ މެހެމާނުންގެ މެދުގައިވެސް ޝަޢުގުވެރި މަންޒިލަކަށް ހެދުމަކީ އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އަމާޒެކެވެ.