ފުލުހުން ތަހުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުޙުމަތު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ދޮގުކުރައްވައިފިއެވެ.
ވަޒީރު މިތުހުމުތައް ދޮގުކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
މިމައްސަލާގައި ވަޒީރު މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގެ ތެރޭގެ ފުލުހުންގެ ތަހުޤީޤުތަކަށް ނޫފުޒުފޯރުވުން ހިމެނެއެވެ. ނަމަވެސް މިކަން ދޮގުކުރައްވާ ވަޒީރު ވަނީ ސަރުކާރުގެ އިދާރާތަކުގައި ހުރި މައްސަލަތައް ބައްލަވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން އެޗްޑީސީއާއި ކަރެކްޝަންސްއާއި ފިއުލް ސަޕްލައި އަދި ހައުސިންގ މިނިސްޓްރީގެ މައްސަލަތަކުގެ ތަހުޤީޤުތައް ފުލުހުން މިހާރުވެސް ހިންމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިމައްސަލަތަކަށް ހުރަސް އަޅުއްވާނަމަ މައްސަލަތައް ނުހިނގާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ މައްސަލަތަކުގައި މިހާރުވެސް ތިބީ ސަރުކާރުގެ އެކި އިދާރާތަކުގެ މަސައްކަތް ކުރައްވާ ފަރާތްތައް ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މައްސަލަތައް މިދިޔަ 5 އަހަރުވެސް އެގޮތުގައި ނުހުއްޓުވި ހިނގަމުން ދިޔަކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވާ ވަޒީރު ވަނީ ފުލުހުންގެ މައްޗަށް އެމަނިކުފާނު ނުފޫޒެއް ނުފޯރުވާކަމަށް ވިދާޅުވެ އިދިކޮޅުން ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންނަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި، އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެބޭބޭފުޅުން މިހާރުވެސް މިނިވަންކަމާއިއެކު ތިބީ. ކަމެއް ގޯސްނުވާތީއެއް ނޫން. ފުލުހުން އެ ތަހުޤީޤުތައް ކުރޭ. ދާ ސްޕީޑުގައި އެދަނީ. ފުލުހުންނަށް ލިބިދީފައި އޮތް ޤާނޫނީ ބާރުގެ ތެރެއިން އެކަން ކުރާނީ. ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރުވާކަށް ނުވެސް ޖެހޭ." ވަޒީރު ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި ވަޒީރަށް ގިނަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ވަނީ ކުރައްވާފައެވެ. އެގޮތުން އޮޅުވާލައިގެން ޕާޓީއަށް ޑީއެންއާރް ޑޭޓާބޭސް ބޭނުންކޮށްގެން ވެއްދިކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. މިމައްސަލައަށް އިޝާރާތް ކުރައްވާ ވަޒީރު ވަނީ، ޕާޓީތަކަށް އޮޅުވާލައިގެން މީހުން ވައްދާ މައްސަލައަށް ހައްލެއް ގެނައި މި ސަރުކާރުންކަން ފާހަގަކުރައްވާފައެވެ.
ކުރީގެ ސަރުކާރުގެ އިސްފަރާތްތަކުން އެކަން އެގޮތަށް ކުރެއްވި ކަމަށް ވަޒީރު ތުހުމަތު ކުރެއްވިއެވެ. މިކަމަށް އެއްބަސްވެވަޑައިގެން ނިޒާމީ ނުކުތާ ނަންގަވާ ގަލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވަނީ އޭރު ތަފާތަކީ އެކަން ކުރެއްވީ ވުޒާރާގެ ތެރޭގައި ނޫންކަމަށް ވިދާޅުވެފައެވެ.
ދާޚިލީ ވަޒީރަށް ގިނަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާއިރު ވަޒީރު ވަނީ، ހުވާކުރި ދުވަހުވެސް އެމަނިކުފާނަށް އިދިކޮޅު އެމްޑީޕީގެ ރުހުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރާ ވަޒީރަކަށް އިދިކޮޅުގެ ރުހުމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.