ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


  • ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރި

  • މީހުން ބިނާކުރުމަށް ނ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރި

ނ. އަތޮޅުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ބިނާކުރުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ އިޖުތިމާއި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް، މަނަދުއަށް ވަޑައިގެން އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިޖްތިމާއީ ދާއިރާއާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދޭނެ ޓީޗަރުން ބިނާކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމުގައި ކައުންސިލުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެ ވުޒާރާއަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ވުޒާރާއާއި މަނަދޫ ކައުންސިލާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް މަނަދުއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ވަނީ އެ އަތޮޅު ކައުންސިލާއި މަނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ވުޒާރާގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށް މަނަދޫގެ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ފަސޭހައިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނާއި، އިސްރަށްވެހިންނާއި، އަންހެނުންނަށް އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް އަމާޒުކޮށްގެން ވުޒާރާއިން ހިންގާ ތަފާތު ޕްރޮގްރާމުތައް އަތޮޅުތަކުގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި، ކޮމިއުނިޓީ ބާރުވެރިކުރުމާއި، ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމަށް ނ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކުން ކުރަމުންދާ މުހިންމު މަސައްކަތްތައް އަތޮޅު ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. އަދި އެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެ ވުޒާރާއާއި ގުޅިގެން މަސައްކަތްތައް ކުރަން ބޭނުންވާކަމުގެ ޝައުގުވެރިކަން ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.

އިޖްތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިޙާމްގެ މި ދަތުރުފުޅަކީ ށ. އަތޮޅު އަދި ނ. އަތޮޅުގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ މަސައްކަތްތައް ބައްލަވާލެއްވުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ށ. އަދި ނ އަތޮޅު އަމާންވެށީގައި ތިބި ކުދިންގެ ގާތަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.