ރަމަޟާން މަހު މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ވަގުތުތުތައް ވެމްކޯއިން އާއްމުކޮށްފިއެވެ. ވެމްކޯއިން ވިދާޅުވީ މި ބަދަލަށް އަހުލުވެރިކުރުމަށް، ގަޑިތަކަށް ގެނައި ބަދަލު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ވެމްކޯގެ ޚިދުމަތްތައްދޭ ވަގުތަށް ބަދަލު ގެނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖަރ އިބްރާހީމް ހަނީފް ވިދާޅުވީ، މި ރަމަޟާން މަހުވެސް މާލެ ވިލިމާލެ އަދި ހުޅުމާލޭގައިވެސް ކުނި ނެގުމުގެ ޚިދުމަތް ދޭ ވަގުތަށް ބަދަލު ގެންނާނެކަމަށެވެ.
އެގޮތުން ރަމަޟާންމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަނވަރު 02:30 އަށެވެ. ނަމަވެސް ރަމަޟާން މަހަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް، ގަޑިތަކަށް މި ގެންނަ ބަދަލު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ތަންފީޒުވާން ފަށާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މިމަހުގެ 23 ވަނަ ދުވަހުން ފަށައިގެން ކުނި ނެރެންވާނީ، ބަދަލު ގެނެވުނު ގަޑިތަކަށް ސަމާލުކަންދީގެންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ހުޅުމާލޭގައި ރަމަޟާން މަހު ކުނި ނެގުމުގެ ޚިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ޚިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ. ހުޅުމާލެ އަދި ވިލިމާލޭގައި މި ބަދަލުތައް ގެންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފަށައިގެންނެވެ. ވެމްކޯއިން ވަނީ ގަޑިތަކަށް މި ގެންނަ ބަދަލުތަކަށް އާއްމުން ސަމާލުވުމަށް އެދިފައެވެ.
"މާލޭގެ ހައުސްހޯލްޑްތަކުން ކުނި ނަގާނީ ރޭގަނޑު 08:30 އިން ދަންވަރު 02:00 އަށް. މި ބަދަލު މިމަހުގެ 23 ވަނަ ދުވަހުން ފަށައިގެން އަންނާނެ. އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސެއް ކުނި ނަގަން ފަށާ ގަޑީގެ، ގަޑިއެއްހާއިރު ކުރިން ރަނގަޅަށް ކުނި ޕެކްކޮށް، ދޮރު ކަރީ ބޭރުގައި ބަހައްޓާލުމަކީ." ވެމްކޯގެ މެނޭޖަރ އިބްރާޙިމް ހަނީފް ވިދާޅުވިއެވެ.
ހަނީފް ވިދާޅުވީ ކުނި ނަގަން ފަށާ ވަގުތަށްވުރެ ލަހުން ކުނި ނެރޭނަމަ، އެ ގޭބިސީއަކަށް ޚިދުމަތް ދިނުމުގައި ވެމްކޯއަށް ދަތިތަކާ ކުރިމަތިވާނެކަމަށެވެ. ކުނި ނެރުމުގައިވެސް، ބިއްލޫރި ނުވަތަ ތޫނު އެއްޗެއް އުކާލާނާމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރީއްޗަށް ބަންދު ކޮށްފައި ވަކިން ބެހެއްޓުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.
ކުނި ނެގުމުގެ ޚިދުމަތަށް ގެންނަ ބަދަލުތަކަށް އާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވެމްކޯއިން ފާހަގަކުރެއެވެ.
އާއްމު ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކުގެ އިތުރުން ވިޔަފާރިތަކާއި އަދި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުގެ ޚިދުމަތް ދޭ ގަޑިތައް ވެމްކޯއިން އިޢުލާނުކުރާނެއެވެ.