ކުޅިވަރު

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް: ރާއްޖެއިން އަނެއްކާވެސް ރިކޯޑެއް އައުކޮށްފި


ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދާ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖޭގެ އިބްރާހީމް ޝިފާން އާއި އައިޝަތު ޔޫހާ އިމްތިޔާޒް އަނެއްކާވެސް ރިކޯޑެއް އައުކޮށްފިއެވެ.

ރާއްޖެއިން މި ފަހަރު އައުކޮށްފައިވާ ރިކޯޑަކީ އެއަރ ރައިފަލް މިކްސްޑް ޓީމު އިވެންޓު ބައިން 601.6 ގެ ސްކޯއަކުން އައުކުރި ރިކޯޑެކެވެ. މީގެ ކުރިން މި ރިކޯޑު ގާއިމުކުރީ އިބްރާހީމް ޝިޕާން އާއި ޝަރަފިއްޔާ އަބްދުއްރަހްމާން އޭޝިއަން ގޭމްސްގައި ޗައިނާގައެވެ. އެ ދެ އެތުލީޓުންގެ ސްކޯއަކީ 600.9 ކެވެ.

ޝޫޓިން އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނުން ހޯދަމުންދާ ކާމިޔާބީގެ ސިއްރަކީ ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރާއި ބެހޭ ވަޒީރާއި، ޑިފެންސް މިނިސްޓަރާއި، އެމްއެންޑީއެފްގެ ޗީޕް އޮފް ޑިފެންސްފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ލީޑަރޝީޕްގައި ތިއްބެވި ބޭފުޅުން ދެއްވާ ހިތްވަރާއި އެހީތެރިކަން ކަމަށެވެ.

އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގައި ރާއްޖެއިން އިތުރު ރިކޯޑެއް ހެދިއިރު، އެ މުބާރާތުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިޞްބާޙް ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ. އީޝަލް ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެއަރ ޕިސްޓަލް ކެޓަގަރީން އީޝަލް ރިހި މެޑެލް ހޯދާފައިވާއިރު، އޭނާ ފައިނަލަށް ދަތުރުކޮށްފަވަނީ ޝޫޓިންގެ ގައުމީ ރިކޯޑަކާއެކުގައެވެ. އޭނާ އެ ރިކޯޑު ހަދާފައިވަނީ 517 ޕޮއިންޓް ހޯދައިގެންނެވެ.

ރާއްޖޭގެ އެތުލީޓުން އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕްގައި ހޯދަމުންދާ ކާމިޔާބިތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަނީ އެކަން ފާހަގަކުރައްވާ ތަހުނިޔާ ވިދާޅުވެފައެވެ.