ރަމަޟާން މަހާއި އެނޫން މަސްމަހުގައިވެސް ވިޔަފާރީގެ މުޢާމަލާތްތައް ކުރަންވާނީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން، އިޙްސާންތެރިކަމާއެކުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ވިޔަފާރިތަކުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ދެ ފަރާތަށްވެސް ގެއްލުން ނުވާނެހެންކަމަށެވެ.
ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުމާއި ގުޅިގެން "އަހާ ފޯރަމް" ގައި ދީނީ ނަޒަރަކުން އެކަން އޮތްގޮތާއި ގުޅޭގޮތުން މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމްދީނުގެ ހުރިހާކަމެއްވެސް ބިނާވެފައިވާ އެންމެ މުހިންމު އެއް ސިފައަކީ އިޙްސާންތެރިކަމުގެ ސިފަކަމަށެވެ.
އެހެންކަމުން ވިޔަފާރިކުރުމުގައިވެސް އަނެކުންނަށް ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަން ވަޒީރު ބާރު އެޅުއްވިއެވެ. ވަކިން ޚާއްސަކޮށް ރަމަޟާންމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ވިޔަފާރިވެރިން ވީހާވެސް ބޮޑަށް ދީނުގެ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމުގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އިޙްސާންތެރިވުމުގައިވެސް ވިޔަފާރިތަކަށްވެސް ގެއްލުން ނުވާނެހެން ކަންކަންކުރައްވަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހުރިހާކަމެއްވެސް ބިނާވާންޖެހޭ އެންމެ މުހިއްމު ސިފައަކީ، އިޙްސާންތެރިކަމުގެ ސިފަ. އިޙްސަންތެރިކަން، ކުލުނުވެރިކަން، އަޚްވަންތަކަން. އަޚުލާޤު، އަނެއް މީހާއަށް އެހީވުން. ދަތި އުނދަގޫ ކަމެއް މެދުވެރިވެފައިވާ މީހާއަށް ކަންކަން ފަސޭހަކުރުން، އެގޮތަށް ހަމަ ވިޔަފާރީގެ ކަންކަންވެސް މިއޮންނަނީ. ވިޔަފާރީގެ ތެރެގައިވެސް ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި އިޙްސާންތެރިވުމާއި މިކަންކަމަކީ ﷲ ވަރަށް ބޮޑަށް ލޯބިވެވަޑައިގަންނަވާކަންކަން." ވަޒީރު ވިދާޅުވިއެވެ.
ރަމަޟާން މަހުގެ އިތުރުންވެސް ވިޔަފާރިކުރުމުގައި ދެފަރާތަށް ގެއްލުން ނުވާނެހެން ކަންކަން ބައްޓަންކުރުމުގެ މުހިއްމުކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުފައިވަނީ ކީރިތި ޤުރުއާނުގައި ދެކަމެއްގެ މައްޗަށް މާތްﷲގެ ލަޢުނަތް ލެއްވިކަމަށް ބާވާލައްވާފައިވާ އާޔަތްތަކުގައި ހިމެނޭ އެއްކަމަކީ ވިޔަފާރިކުރުމުގައި މަކަރު ހަދާ މީހުންކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން މިއީ ބިރު ހުރިކަމެއްކަމަށާއި ރަމަޟާން މަހަކީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ފޯރުކޮށްދޭ މަހަކަށް ހެދުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.