މިވޭތުވެދިޔަ 15 މަސް ތެރޭ އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ރަނގަޅުވުމާއެކު މިފްކޯއަށް މަސް ކިރުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. މިފްކޯގެ ބަނދަރުތަކުގައި މި ދުވަސްވަރު މަސް ކިރުވުމަށް ދޯނިތަކުން ވަނީ ކިއު ހަދާފައެވެ. މިއާއެކު ބުދަދަވަހަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި ދުވަސް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފެވެ. ބުދަ ދުވަހު މިފްކޯއަށް ވަނީ 546 ޓަނުގެ މަސް ކިރުވާފައެވެ.
މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމާއެކު މިފްކޯގެ ފެސިލިޓީތަކުގައި މިހާރު ޖެހިފައިވާ ކިއު ހުސްކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރުމަންނެވެ. އެގޮތުން މި ހަފްތާ ބަނދުގައި ކިއު ހުސްކުރެވޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. މިފްކޯއިންވެސް ވަނީ އާދީއްތަ ދުވަހާއި ހަމައަށް ކިއުގައި ހުރި ދޯނިތަކުން މަސް ކިރާ ނިންމާނެކަން ހާމަކޮށްފައެވެ.
އެކުންފުނިން ކިއު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޫއްޑޫގައި ތިބި ގިނަ ދޯނިތަކުން މަސްކިރުވިފައިވުމުން ކިއު ނަންބަރުތަކުގައި ހުރި މަސްކިރުވޭނެ ކަމަށް ލަފާކުރެވޭ ދުވަސްތަކުގެ ތަރީހުތައް އަލުން ތަރުތީބުކުރެވިފައިވާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިތުރުން މަސްކިރުވުން އަވަސް ކުރުމަށް، ކެރިއަރ ބޯޓުތައް ޝެޑިއުލްކޮށް މަސް އެކްސްޕޯޓުކުރަން ބޯޓެއް އައިސްފައިވާކަމަށް މިފްކޯއިން ފާހަގަކުރެއެވެ.
އެކުންފުނިން ވިދާޅުވީ އާދަޔާ ޚިލާފަށް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި، މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމުތައް ލުއިކުރުމަށް ކުރަން ޖެހުނު މަސައްކަތެއް އެކުންފުނިން ކުރާނެ ކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މިއީ މަސްވެރިން ކިއުގައި ޖެހޭނެ އެންމެ ފަހު އަހަރުކަމުގައި ހެއްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން މި ސިނާޢަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަން ކިތަންމެ ރަނގަޅުވިއަސް މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މަސް ކިރޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިވޭތުވެ ދިޔަ 15 މަސްދުވަހުގެ މަސްވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، މި ސަރުކާރު ހަވާލުވުމަށް ފަހު މިހާތަނަށް 1.1 ބިލިޔަން ރުފިޔާއަށް ވުރެ ގިނައިން މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުތެރޭ ކިރުވާ މަހަށް ދަނީ ފައިސާ ދޫކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ 3 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމެވެ. އެގޮތުން މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.