އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަޙައްދު ތާރުއަޅާ މަރާމާތުގެ މަސައްކަތް ނިންމާ، އާއްމުންނަށް ހުޅުވާލައިފިއެވެ.
މަރާމާތަށް އަމީނީ މަގު ބަންދުކޮށްފަވަނީ މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެންނެވެ.
ތާރުއަޅާ އަލުން މަރާމާތުގެ މަސައްކަތް ކޮށްފަވަނީ އަމީނީ މަގުގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ، އިރުން ހުޅަނގަށް ދުއްވާ ލޭނުގެއެވެ. އެއީ މަގު ތަރައްޤީކުރުމުގައި ސެގްމަންޓް 11 އަދި 12 ހިމެނޭ ސަރަޙައްދެވެ. އެ ސަރަޙައްދުގައި ތާރު އަޅާ ތަރައްޤީކޮށް ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއް ތެރޭ މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.
މަގުގެ މަރާމާތުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔައީ، އެ ޕްރޮޖެކްޓް ކުރިއަށްގެންދިޔަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. މަގުގެ މަރާމާތުގެ ހުރިހާ މަސައްކަތްތައް ނިންމާ، މަގު ހުޅުވާލީ މަގުގެ އިންސްޕެކްޝަން، އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިއުމަށް ފަހުގައެވެ. އަދި މިފަހަރ މަގުގައި ތާރު އެޅުމަށްފަހު، ތާރު ހިއްކުމަށް ބޭނުންވާ ވަގުތު ފުރިހަމައަށް ވަނީ ދީފައެވެ. މަގުގައި ޓްރެފިކް ނިޝާންތައްވެސް ވަނީ ކުރަހާފައެވެ.
ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފަވެއެވެ. އަމީނީ މަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ސަރުކާރުން ދަނީ މާލޭގެ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފެށުމަށް ތައްޔާރުވަމުންނެވެ. މާލެ ވިލިމާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ޗައިނާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުއަށް ބޭނުންވާ ދިރާސާގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ.