މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ އަންނަ ހަފްތާގެ ބުރާސްފަތީގެ ކުރިން މުވައްޒަފުންނަށް ދިނުމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އަންގަވައިފިއެވެ. އެ ވުޒާރާއިން މިގޮތަށް ނެރެފައިވަނީ ވުޒާރާއިން ނެރުނު ސަރކިއުލާއެއްގައެވެ.
މާލީ ވުޒާރާއިން ނެރުނު ސަރކިއުލަރގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނުން ބުނެފައިވާ 3،000 ރުފިޔާ މިމަހުގެ 20 ވަނަ ދުވަހު ދިނުމަށް ވަނީ އަންގަވާފައެވެ. މާލީ ވުޒާރާއިން ވަނީ އިނާޔަތުގެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް އަޕްލޯޑްކޮށް ޕޯސްޓްކުރުމަށްވެސް ކުންފުނިތަކަށް އަންގަވާފައެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރަމުންދާ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އިތުރަށް ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށްވެސް މާލީ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މީގެ އިތުރުން، ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް، "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުންވެސް އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް އެ ސަރކިއުލަރގައި އަންގަވާފައިވެއެވެ.
މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް އެ ވުޒާރާގެ ސަރކިއުލަރގައި ވަނީ ވިދާޅުވެފައެވެ.
ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 1 ވަނަ ދުވަހެވެ.