ޚަބަރު

މިއަހަރު އިތުރު 3 ސަރަޙައްދެއްގައި ބްލަޑް ބޭންކުގެ ޚިދުމަތް ފެށިގެންދާނެ


  • މިއަހަރު ޚިދުމަތް ފަށަނީ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު އަދި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި

  • މިދިޔަ އަހަރުވަނީ އައްޑޫ އިކުއެޓޯރިއަލް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ފަށާފައި

ރާއްޖޭގެ 5 ސަރަޙައްދެއްގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު 3 ސަރަޙައްދެއްގައި ބްލަޑް ބޭންކުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން 2024 ވަނަ އަހަރު ވަނީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ ބްލަޑް ބޭންކުގެ ޚިދުމަތް ފުޅާކޮށްފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި ޙައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިއިރު، މިއީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާއި ގުޅިފައިވާކަމެކެވެ. އެހެންކަމުން ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ.

މިގޮތުން ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ފިޒްނީ ވިދާޅުވީ، ރާއްޖޭގެ 5 ސަރަޙައްދުގައި ބްލަޑް ބޭންކް ޤާއިމުކޮށް އަދި ކުރިން ހުރި ބައެއް ތަންތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިގޮތުން ފުލްފްލެޖްޑް 5 ބްލަޑް ބޭންކު ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 3 ބަލްޑް ބޭންކުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ފިޒްނީ ވިދާޅުވިއެވެ. މިއާއެކު ރަށްރަށުން ތެލަސީމިއާ ކުދިންނާއި އަދި އެނޫން ފަރާތްތަކަށްވެސް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު ކަށަވަރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައި. މިހާރު އެއްވެސް ރަށަކުން ނުޖެހޭނެ ބޭސް ހޯދަން އެހެން ރަށަކަށް ދާން. އަދި އަޅުގަނޑުމެން މިދަނީ 5 ސަރަޙައްދެއްގައި ބްލަޑް ބޭންކް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުން. މީގެ ދަށުން 2 ސަރަޙައްދެއްގައި މިހާރު ހުންނާނީ ފުލްފްލެޖްޑް ބްލަޑް ބޭންކްތައް." ފިޒްނީ ވިދާޅުވިއެވެ.

މިގޮތުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފުލް ފްލެޖްޑް ބްލަޑް ބޭންކްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންގެ ނިސްބަތް މަދުކުރުމަށް ކުރަމުންދާ މަސައްކަތް ފުޅާކޮށް، "ތެލަސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސްޓްރެޓެޖިކް އެކްޝަން ޕްލޭން" ތަންފީޒުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މީގެ ދަށުން ޢާއްމުން ހޭލުންތެރިކުރުމާއި، ފަރުވާގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިފަދަ ކުދިންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިމަތިވަމުންދާ މައްސަލަތައް ޙައްލުކޮށް، އެކުދިންނަށް ބޭނުންވާ ލޭ އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުން ހަމަޖެއްސުމާއި، އެފަދަ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

މިގޮތުން ނިމުނު 2024 ވަނަ އަހަރު 14 ކުއްޖަކަށްވަނީ ބޯންމެރޯޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި މިއަހަރުވެސް މި މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސްވަނީ ވިދާޅުވެފައެވެ.