ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް ތައްޔާރުކުރި ޕާކިސްތާނުގެ ދަނޑުތައް ހުޅުވައިދޭނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، ރައީސް އާސިފް އަލީ ޒަރްދާރީ ކަމަށް ނިންމައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފަށާ މުބާރާތަށް ޕާކިސްތާނުގެ ތިން ދަނޑެއް ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފަ އެވެ. އެއީ ކަރާޗީގައިވާ ނެޝަނަލް ސްޓޭޑިއަމާއި ލާހޯރުގައިވާ ގައްދާފީ ސްޓޭޑިއަމާއި ރާވަލްޕިންޑީ ކްރިކެޓް ސްޓޭޑިއަމެވެ. މީގެ ތެރެއިން އެންމެ ބޮޑަށް މަރާމާތުކޮށް އަލުން ހުޅުވަން ނިންމާފައިވަނީ ގައްދާފީ ސްޓޭޑިއަމާއި ކަރާޗީގައިވާ ދަނޑެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޗެއާމަން މޮހްސިން ނަގްވީ ވިދާޅުވީ ގައްދާފީ ސްޓޭޑިއަމް ހުޅުވައިދެއްވާނީ ބޮޑުވަޒީރު ޝެހްބާޒް ކަމަށެވެ. މި ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ކަރާޗީގެ ދަނޑު ރައީސް ޒަރްދާރީ ހުޅުވައިދެއްވާނީ އަންނަ އަންގާރަ ދުވަހު އެވެ.
ދަނޑުތައް ހުޅުވަން ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވަން ޕާކިސްތާނުން ނިންމީ ޗެމްޕިއަންސް ޓްރޮފީ ހުޅުވަން ބާއްވަން އުޅުނު ހާއްސަ ރަސްމިއްޔާތު މިހާރު ބޭއްވެން ނެތުމުންނެވެ، އެއީ ބައެއް ޓީމުތަކަށް ޕާކިސްތާނަށް ވަގުތަށް ނާދެވޭތީ އާއި އިންޑިޔާ އެއްގޮތަކަށްވެސް ޕާކިސްތާނަށް ނާންނަން ނިންމާފައިވާތީ އެވެ. ސިޔާސީ އަދި ސެކިއުރިޓީގެ ސަބަބުތަކާހުރެ ޕާކިސްތާނަށް އިންޑިޔާގެ ޓީމު ނުފޮނުވާތީވެ އެ ގައުމުގެ މެޗުތައް ކުޅޭނީ ޑުބާއީގަ އެވެ.
ޕާކިސްތާނުން ވަނީ ގައްދާފީ ސްޓޭޑިއަމުގައި މި މުބާރާތަށް އައު އޮފީސް އިމާރާތެއް އަޅައި ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. އައު ގޮނޑިތައް ޖަހައި މުޅިން އައު ލައިޓް ސިސްޓަމެއް ވެސް ވަނީ ހަރުކޮށްފަ އެވެ.
"އަހަރުމެން މިދަނީ މިހާރު ދަނޑުތައް ނިންމުމުގެ އެންމެ ފަހު މަރުހަލާގައި. ﷲއިރާދަފުޅުން އަހަރުމެންނަށް މި މަސައްކަތް ނިންމާމިލެވެނީ ވަރަށް ކާމިޔާބު ކަމާއެކު. މިއީ ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު ކުރިއަށްދާ ކަމެއް. އަލުން ޖަހާފައިވާ ގޮނޑިތަކަކީ ކުރިއަށް އޮތް 20 އަހަރަށް ބޭނުންކުރެވޭނެ އެއްޗެއް،" ނަގްވީ ވިދާޅުވި އެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ ދަނޑުތައް ތައްޔާރުކުރުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
"އަހަރުމެން އެއްވެސް ކަމެއްގައި ކޮލިޓީ ވައްޓާލާކަށް ބޭނުމެއްނޫން. ކޮންމެ ކަމެއް ވެސް ކޮންމެ އެއްޗެއް ވެސް ފައިނަލް މިކުރަނީ ވަރަށް ރަނގަޅަށް ބަލައި ޓެސްޓް ކުރުމަށްފަހު. އަހަރުމެން މަސައްކަތް ކުރަނީ ގިނަ ދުވަހަށް ބޭނުން ކުރެވޭ ގޮތަކަށް މި މަސައްކަތްތައް ނިންމާލަން. މި މުބާރާތަކީ ޕާކިސްތާނުގެ ރައްޔިތުން މި ގައުމުގައި ބާއްވަން ވަރަށް ބޮޑަށް އެދި އެދި ތިބި މުބާރާތެއް. މިހެންވެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ އަށް ނިންމާލަން އަހަރުމެން ތިބީ ތައްޔާރުވެގެން،" ނަގްވީ ބުންޏެވެ.
މި މަހުގެ 19 އިން އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ނިންމަން ކުޅޭ މުބާރާތުގައި ވާދަކުރަނީ އަށް ގައުމެކެވެ. ގްރޫޕް އޭގައި ހިމެނެނީ ޕާކިސްތާނާއި އިންޑިޔާ އާއި ބަނގްލަދޭޝް އާއި ނިއުޒީލޭންޑެވެ. ގްރޫޕް ބީގައި ހިމެނެނީ އަފްގާނިސްތާނާއި އޮސްޓްރޭލިޔާ އާއި އިންގްލޭންޑް އަދި ދެކުނު އެފްރިކާ އެވެ.
މި މުބާރާތަށް ތައްޔާރުވާން އެކި ގައުމުތަކުން މިހާރު ވަނީ ކުރު މުބާރާތްތަކެއް ކުޅެން ފަށައިފަ އެވެ. ޕާކިސްތާނުގައި ކުޅެނީ ނިއުޒީލޭންޑާއި ދެކުނު އެފްރިކާ ބައިވެރިވެގެން ބާއްވާ ޓްރައި ނޭޝަން މުބާރާތެކެވެ.