ޚަބަރު

އައްޑޫ ސިޓީ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފި


  • ހަންކެޑެ ބްރިޖް ހުޅުވާލީ ރޭ 12 އިން ފެށިގެން

  • ބްރިޖް ހުޅުވުން ލަސްވީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހުނު ބައެއް ސަރވޭތައް ހެދުމަށް

އައްޑޫ ސިޓީ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލައިފިއެވެ. ހަންކެޑެ ބްރިޖް ހުޅުވާލާފައިވަނީ ރޭ މެންދަރު 12 އިން ފެށިގެންނެވެ.

އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫ ގުޅާލަދޭ، ހަންކެޑެ ބްރިޖުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިމަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މަގުގެ ޢަމަލީ މަސައްކަތް ނިންމާ މި މަޝްރޫޢު އެކުންފުނިންވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ނައިބު އިބްރާހީމް ނާޡިމް ވިދާޅުވީ، މަގު ހުޅުވުން ލަސްވީ މަގުގައި ސަލާމަތީގޮތުން ކަށަވަރު ކުރަންޖެހޭ ބައެއްކަންކަން ބެލުމަށް ބަޔަކާއި ހަވާލުކޮށްގެން ސަރވޭއެއް ކުރިއަށްގެންގޮސްފައިވާތީކަމަށެވެ. އަދި ހަންކެޑެ ބްރިޖުގެ މަސައްކަތަކީ މުޅި އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 20 އިންސައްތަ މަސައްކަތްކަން ނާޡިމް ފާހަގަކުރެއްވިއެވެ.

"ހުޅުވާލުން ތަންކޮޅެއް ލަސްކޮށްލަން މިޖެހުނީ، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ކަށަވަރު ކުރަންޖެހުނު ބައެއް އިތުރު ކަންކަން ފާހަގަވެގެން އެކަންކަން ޔަގީންކުރުމުގެ ގޮތުން. އެގޮތުން އަޅުގަނޑުމެން އިތުރު 3 ވަނަ ޕާޓީއެއް މެދުވެރިކޮށް އެސަރވޭ ހަދާފަ، އެޔަގީންކަން ހޯދުމަށްފަހު އަޅުގަނޑުމެން މިހުޅުވާލީ." އިބްރާހީމް ނާޡިމް ވިދާޅުވިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ އައު ބްރިޖް ބޭނުންކުރަން ފެށުމުން ދެން ކުރިން ބޭނުންކުރި މަގު ބަންދުކޮށް އުޅަނދުތައް ދުއްވުމަށް އެމަގު ބޭނުން ނުކުރާނެކަމަށެވެ. ހަންކެޑެ ބްރިޖް މަޝްރޫޢާއެކު އައްޑޫގެ މަގުހެދުމަށް ކުރިއަށްގެންދާ 1 ބިލިއަން ރުފިޔާގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިގެންދިޔައީކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމުތަކުގެ އައުޓްފޯލް ޕަމްޕްތައް ހަރުކުރުމުގެ މަސައްކަތްކަމަށާއި މިމަސައްކަތް ނިމުމާއެކު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ހުރިހާ މަސައްކަތެއް ނިމޭނެކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ސަރުކާރު ބަދަލުވީ އިރު އައްޑޫގެ މަގުތައް ހެދުމަށްޓަކައި ގިނަ މަގުތަކެއް ކޮނެފައި ހުރުމާއެކު އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރިއަށްނުދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އޮތެވެ. އެހެންކަމުން ސަރުކާރުގެ އިސްވެރިން މިމަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުންޏާއެކު މަޝްވަރާކޮށް މަސައްކަތް އަވަސްކުރުމަށް އެކި ފަހަރުމަތިން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

1.4 ކިލޯމީޓަރުގެ ހަންކެޑެ ބްރިޖުގައި، 4 ލޭން ހިމެނެއެވެ. ބްރިޖު އާއްމުންނަށް ހުޅުވާލުމާއި ގުޅިގެން އައްޑޫގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު އަންނާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.