ޚަބަރު

މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާނަން: ރައީސް


  • މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަސައްކަތްފެށުމަށް އަންނަނީ ތައްޔާރުވަމުން

  • ވޒީފާގެ ގިނަ ފުރުޞަތު ހުޅުވޭނެ

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ހޯރަފުށީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއަކީ އުންމީދު ބޮޑު މަޝްރޫޢުއެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ މަޝްރޫޢުގެ ގިނަ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ކަންކަންކުރާނީ ހަގީގީ މާނާގައި ޑެލިވަރީކޮށް ނަތީޖާ ނެރުމަށް. އިރާދަކުރެއްވިއްޔާ މިސަރަހައްދަށް މިރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއްކުރާނެ މަޝްރޫޢުއަކަށް މިކަންކަމީ އަޅުގަނޑު ޔަޤީންކުރާކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ މި މަޝްރޫޢުއާއެކު ހޯރަފުށީ ސަރަހައްދަށް، ޖުމްލަކޮށް މުޅި ރާއްޖެއަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ފަހިވާނެކަމަށް ވިދާޅުވެފައެެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމެއް ތަރައްޤީކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތަކާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއްވެސް ތަރައްޤީކުރުން ހިމެނެއެވެ.

މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ވަނީ ދެއްވާފައެވެ. އަދި މި މަޝްރޫޢު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.