ޚަބަރު

ރައީސް ހއ. ދަތުރުފުޅު: މިއަދުގެ ފަހު މަންޒިލަކަށް ހޯރަފުށި


  • ހއ. އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ

  • ހޯރަފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފަހު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެ ރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 8 ވަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މިރޭ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށުގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން ރައީސް މަޝްވަރާކުރައްވާނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.