ހއ. ތަކަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާ، ފުލުހުންގެ މަރުކަޒު ހުޅުވައިފިއެވެ.
ތަކަންދޫ ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މިހާރު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތަކަންދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ 2026ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.
ހއ. ތަކަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައިވާއިރު ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ވަނީ ހަވާލުކޮށްފައެވެ. މީގެތެރޭގައި ތަކަންދޫ ކައުންސިލްވެސް ހިމެނެއެވެ.
ހެކްސްޓަރ ގްލޯބަލްއާ ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހެވެ.
ހެކްސްޓަރގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރެއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.
ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.