ޚަބަރު

ކްރިކެޓް އަމްޕަޔަރިން ލެވެލް އެކެއްގެ ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) ގުޅިގެން ކްރިކެޓް އަމްޕަޔަރުން ތަމްރީނުކުރުމަށް އަމްފަޔަރ ލެވެލް އެކެއްގެ ކޯހެއް ބާއްވައިފިއެވެ.

ޖުމްލަ 16 ބައިވެރިންނާއެކު ބޭއްވި މި ކޯސް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި ކިޔަވައިދިނީ އަމްފަޔަރިން އެޑިއުކޭޓަރ ލެވެލް އެކެއްގެ ކޯސް ހަދާފައިވާ އިބްރާހިމް ރިޒާން އާއި އަމްފަޔަރިން އެޑިއުކޭޓަރ ލެވެލް 2 ހަދާފައިވާ އިމާދު އިސްމާއީލެވެ.

މި ކޯހުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ޙާއްސަ ރަސްމިއްޔާތެއް މި ހަފުތާގެ އާދީއްތަ ދުވަހު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ފާސްވިކަމުގެ ސެޓްފިކެޓް ދެއްވީ ޝަރަފްވެރި މެޙްމާން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޒާޤްއެވެ.

ކޯހުގައި ކިޔަވައިދިން އިބްރާހިމް ރިޒާން ބުނީ މި ކޯހާއެކު ސީބީއެމްގެ މުބާރާތްތަކުގައި އޮފިޝަލުން ހޯދުމަށް ކުރިން އޮތް ހުރަސްތަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރު ކޯސްތަކެއް ހިންގުމަށް ރާވަމުން އަންނަ ކަމަށްވެސް ރިޒާން ބުންޏެވެ.

"މި ކޯހުގެ މަޤްސަދަކީ، މެޗްތަކުގައި އޮފިޝަލްކަން ކުރާނެ ފަރާތްތަކުގެ އަދަދު އިތުރުކުރުން، ސީބީއެމް އިން ރާވާ ހިންގާ މުބާރާތްތަކުގެ އަދަދު އިތުރުވަމުން ދިއުމާއެކު، މެޗު އޮފިޝަލުން ހޯދުމުގައި ދަތިތަކާ ކުރިމަތިވޭ. އެހެންކަމުން މިއީ ސީބީއެމްގެ އަހަރީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށްގެންދިޔަ ކޯހެއް، މީގެ އިތުރު ކޯސްތައް، މާލޭއާއި ފުވައްމުލަކުގައި މިއަހަރު ހިންގޭނެ, ސީބީއެމް އިން މިހާރު ވާނީ އަމްޕަޔަރިން ފައުންޑޭޝަން ކޯސް ހެދުމަށް ޢާންމުކޮށް ދައުވަތުދީފައި، ފައުންޑޭޝަން ކޯހަކީ އޮންލައިންކޮށް ހަދާލެވޭ ކޯހެއް، ފައުންޑޭޝަން ހެދުމަށްފަހު ދެން އޮންނަ މަރުހަލާ އަކީ ލެވެލް އެކެއް." ރިޒާން ބުންޏެވެ.

މި ކޯހުގެ ބައިވެރިން ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ހަދާ އެސެސްކުރި އެވެ. މީގެ އިތުރުން ކޯހުގެ ބައިވެރިންގެ ތެރެއިން ހަތް ބައިވެރިންވަނީ 80 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދައިގެން ކޯހުން ފާސްވެފައެވެ.