ރަށްރަށުގައި ސޯލާ ހަރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގްރިޑް ސިސްޓަމްތަކާއި ބެޓަރީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ޠާރިޤް ވަނީ ރަށްރަށުގައި މިހާރު އޮތް ކޭބަލް ނެޓްވޯކް ސިސްޓަމްއަކީ ދުވަސްވެފައިވާ ސިސްޓަމްއެއްކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ރަށްރަށުގައި ކުރިން އަޅާފައިވާ ކޭބަލް ނެޓްވޯކް ދުވަސްވުމުގެ ސަބަބުން ނެޓްވޯކްތައް ރަނގަޅުކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ރަށްރަށުގެ ނެޓްވޯކްތައް ރަނގަޅުކޮށް ބެޓެރީ ސިސްޓަމްތައްވެސް ހަރުކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ކޭބަލް ނެޓްވޯކްތައް ހުރިގޮތުން އެންމެ ގިނަވެގެން ޖެހެނީ އިއާދަކުރަނިވި ހަކަތައިގެ %30 ކަމަށެވެ.
އެހެންކަމުން މިހާރު ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުގެ ތެރެއިން ގްރިޑް ސިސްޓަމްއާއި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 18 ރަށެއްގައި ބެޓެރީ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
"ވަރަށް ގިނަ ރަށްރަށުގައި ގްރިޑްގެ މަސައްކަތްތައްވެސް އެބަ ކުރަން. މިއީ ޕްރައިވެޓް ސެކްޓައިން އިންވެސްޓް ކޮށްގެން ކުރެވޭ މަސައްކަތްތަކެއް ނޫން. އެހެންވީމަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްއިން ކުރެވޭ މަސައްކަތްތައް މިއީ. ބެޓަރީ ލީމަ އަޅުގަނޑުމެން ޖަހާ ހުރިހާ ސޯލާ ޕެނަލްއެއްގައި އެ ވަގުތެއްގައި ބޭނުން ނުކުރެވޭނަމަ ބެޓެރީގައި ސްޓޯކުރުމަށްފަހު ރޭގަނޑު ބޭނުން ކުރެވޭނެ. އެކަން ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިހެން ޖެހިފައި ހުންނަ ރަށްރަށުގައި 8 ގަޑިއިރުވެސް އެއްކޮށް ކަރަންޓް ނިއްވާލެވޭ އެއްކޮށް" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ 5 އަހަރު ދުވަހުގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ހުރީ އެންމެ 53 މެގަވޮޓު ނަމަވެސް ސަރުކާރަށް 1 އަހަރު ވެފައިވާއިރު، މިހާރު އެއަދަދު 70 މެގަވޯޓަށް ވަނީ އިތުރުކޮށްފައެވެ.
2028 ވަނަ އަހަރު ނޮވެމްބަރަށް ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ބޭނުންވާ އެއަމާޒާ އެއްގޮތަށް ކަންކަން ކުރުމަށް ސަރުކާރުން މިހާތަނާށް ހެދި ދިރާސާތަކުން ޖުމްލަ 450 މެގަވޮޓް ޤާއިމްކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރުވެސް އެކި މަރުހަލާތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 170 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއަށްގެންދެއެވެ. އެއާއެކު އިތުރު 50 މެގަވޯޓުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ސަރުކާރުން އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުތަކެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.