ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ފްރެއިބަރގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
ފްރެއިބަރގް ގެ ދަނޑުގައި ކުޅުނު މި މެޗުން ބެޔާން މިއުނިކް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބެޔާ ލެވަކޫސަން އަށް 42 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ފްރެންކްފަރޓް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި ބެޔާން މިއުނިކްގެ އިނގިރޭސި ފޯވަޑް ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އުމުރުން 31 އަހަރުގެ ހެރީ ކޭން މި ސީޒަނުގައ ޖެހި 23 ވަނަ ލަނޑެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅު ލަނޑެއް ޖަހާ ބެޔާން މިއުނިކް އިން ލަނޑެއް ޖަހާ ކުރި ހޯދި ނަމަވެސް ފްރެއިބަރގް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާ ބެޔާން މިއުނިކްގެ ގިނަ ހަމަލަތަކެއް ހުއްޓުވާފަ އެވެ.
ބެޔާން މިއުނިކް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ނުވަވަނަ މިނިޓުގައި ސައުތު ކޮރެއާގެ ޑިފެންޑަރ ކިން މިން-ޖައެ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އަރިމަތިން ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ފްރެއިބަރގް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 68 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަތިއަސް ގިންޓަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.