ޚަބަރު

މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލައި، އަހަރުގެ ދެވަނަ ކުއާޓަރުގައި ޚިދުމަތް ފެށޭނެ


  • މިއީ 5 ކިލޯ މީޓަރުގެ ވިއުގައެއް

  • ފެނުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ އެއް ރަށުން އަނެއް ރަށަށް ވަގުތުން ފެން ފޯރުކޮށްދެވޭނެ

މާލޭ-ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ނިންމާ، އަހަރުގެ ދެވަނަ ކުއާޓަރުގައި މި ނިޒާމު ބޭނުންކުރަން ފެށޭނެކަމަށް އެމްޑަބްލިއުއެސްއީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަތީނު ވިދާޅުވީ، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުން އަރައިގަނެ މިހާރު ހުރިހައި މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާކަމަށެވެ.

އެގޮތުން މާލެއާއި ހުޅުމާލެއަށް ވިއުގަ ގުޅާލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުޅުމާލެ އަދި މާލޭގަވެސް ކުރަމުންދާކަމަށެވެ. މާލޭގެ ޕަމްޕް ސްޓޭޝަންގެ %25 މަސައްކަތް މިހާރު ވަނީ މުޅިން ނިންމާފައެވެ. އަދި ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 ވަނީ ނިންމާފައެވެ.

"ހުޅުމާލޭގައި މިހާރު ފައުންޑޭޝަނާ އިމާރާތުގެ ސްޓްރަކްޗަރ އެދަނީ ނިމެމުން. މާލޭ އަދި ހުޅުމާލޭގަވެސް ސިވިލް މަސައްކަތް މަރޗް އަށް ނިންމާލެވޭނެ. އަދި އޭފްރިލްގައި އިލެކްޓްރިކަލް މެކޭނިކަލް މަސައްކަތްތައް ނިންމާލެވޭނެ. ހުރިހާ މަސައްކަތް ނިމި އަހަރުގެ ދެވަނަ ކުއާޓަރުގައި ޚިދުމަތް ދެވޭނެ." އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ވިއުގައަކީ 5 ކިލޯމީޓަރުގެ ވިއުގައެކެވެ. ސިނަމާލެ ބްރިޖް މެދުވެރިކޮށް މި ވިއުގަ ގުޅާލާ ހޮޅި އަޅާފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް މިހާތަނަށްވެސް މަސައްކަތް ނުނިމޭތީ، ޚިދުމަތް އޮތީ ނުފަށައެވެ. މަތީން ވިދާޅުވީ ވިއުގައިގައި އަޅާފައިވާ ހޮޅީ ޓެސްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ.

"ހޮޅި ސާފުކުރުމާއި، ޑިސްއިންފެކްޓް ކުރުމާއި އަދި ހޮޅީގެ ޕްރެޝަރ ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދޭ. ޓެސްޓުކުރުމަށް ވަގުތީ ސެޓަޕެއް ހަދައިގެން އެ މަސައްކަތް މި ކުރިއަށްގެންދަނީ. އެއީ ޕަމްޕް ސްޓޭޝަންތައް ނިމެންވާއިރަށް ހޮޅި ޓެސްޓް ކުރުމުގެ މަސައްކަތްތައް ނިންމުމަށް." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވިއެވެ.

މިހާތަނަށް މުޅި މަޝްރޫޢުގެ %65 މަސައްކަތް މިވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ، ފެނުގެ ރައްކާތެރިކަން މާލެ ސަރަޙައްދުގައި ކަށަވަރުކުރެވުމެވެ. މާލެ ނުވަތަ ހުޅުމާލޭގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވާ ހިންދެއްގައި، އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެއެވެ.