ޚަބަރު

މާލެއަށް އެކަނިވެސް 130 މިލިމީޓަރުގެ ވާރޭ, ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން


  • ކުރިއަށް އޮތް 24 ގަޑިއިރު, މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައި

  • ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވީ 24 ގަޑިއިރުގެތެރޭގައި މާލެއަށް 130 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓު އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު, މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެ ސަރަޙައްދަށް ކުރުމާއި ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. އަދި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވީ 24 ގަޑިއިރުގެތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިފަނީ މާލެއަށެވެ. މިގޮތުން ރެއިން ފެށިގެންކުރަމުންދާ ވިއްސާރައިގައި މާލެއަށް 130 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ހުޅުލެއަށްވަނީ 79.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. 70 މިލިމީޓަރުގެ ވާރޭ އއ.ތޮއްޑުއަށް ވެހިފައިވާއިރު 54.5 މިލިމީޓަރުގެ ވާރޭ ގދ.ކާޑެއްދޫއަށް ވެހިފައިވާކަމަށްވަނީ ރިކޯޑުކުރެވިފައެވެ.

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓު އޮފީހުންވަނީ ރޭ ފަތިހު 04:45 އިން ހެނދުނު 08:45 އަށް އއ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށް އޮރެންޖް އިންޒާރުވަނީ ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ހެނދުނު 08:45 އިން ފެށިގެން މެންދުރު 14:00 ޖެހުމާއި ހަމައަށް ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އަދި 09:00 އިން ފެށިގެން މެންދުރު 13:00 ހަމައަށް ށ.އަތޮޅުން ފެށިގެން ތ.އަތޮޅަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވުމުގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލޭގެ 8 ސަރަޙައްދެއްގައި 19 ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ހެނދުނު 7 ޖެހުމާއި ހަމައަށް 6835 ޓަނުގެ ފެން ހިންދާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ވިއްސާރައިގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ހެނދުނު 7 ޖެހުމާއި ހަމައަށް 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފއިން ވިދާޅުވެއެވެ.