ޚަބަރު

ޤައުމީ ކުތުބުޙާނާގެ 80 ވަނަ އަހަރީ ދުވަހަށް ކައުންޓް ޑައުންއަކާއެކު ގިނަ ހަރަކާތްތަކެއް


  • އަހަރީ ދުވަހާއި ގުޅުވައި ކުތުބުޙާނާ އައު އިމާރާތުގެ ބިންގާ އެޅުމަށް ދަނީ މަސައްކަތްކުރަމުން

  • ރާޢްޖޭގެ 7 ސަރަހައްދެއްގައި ލައިބްރަރީތައް ޤާއިމް ކުރަން ރައްތައް ވަނީ ކަނޑައަޅާފައި

ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އާންމުންނަށް ބައިވެރިވޭ ހަރަކާތްތަކާއި އެކު ކައުންޓްޑައުންއެއް ފަށައިފިއެވެ.

ޤައުމީ ކުތުބުޙާނާއަށް 80 އަހަރު ފުރެނީ މިއަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް، ޤައުމީ ކުތުބުޚާނާއިން ކައުންޓް ޑައުންއެއް ވަނީ ފަށާފައެވެ. މިއާއެކު ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

80 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކިޔުތެރިކަން އިތުރުކުރުމުގެ ޙާއްސަ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ މުޖްތަމަޢުގެ ތެރޭގައި ކިޔުންތެރިކަން އަށަގަނުވައި، ޒުވާނުންނާއި ކުޑަކުދިން ފޮތްތަކަށް އަހުލުވެރި ބަޔަކަށް ހެދުމެވެ. އަދި މި ކެމްޕެއިންގައި ދިވެހި ޢިލްމާއި ތާރީހަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ކުތުބުޙާނާއިން ފާހަގަކުރައްވައެވެ. މިކެމްޕެއިން އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ލޯންޗުކުރެވޭނެ ކަމަށް ޤައުމީ ކުތުބުޙާނާއިން ވަނީ ވިދާޅުވެފައެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އައިޝަތު ޔަޝްފާ ޔޫސުފް ވިދާޅުވީ، މި ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ކުތުބުޙާނާގެ އައު އިމާރާތުގެ ބިންގާ އެޅުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިއަހަރު ތެރޭ އަޅުގަނޑުމެން ބޮޑަށް މިމަސައްކަތް ކުރަނީ ޤައުމީ ކުތުބުހާނާ ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ލައިބްރަރީ ޕްރެޒެންސް ޤައުމުތެރޭ ފުޅާކުރަން. އޭގެ ތެރެއިން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކުތުބުޙާނާގެ 80 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޤައުމީ ކުތުބުހާނާގެ އައު އިމާރާތުގެ ބިންގާ އެޅޭތޯ " ޔަޝްފާ ވިދާޅުވިއެވެ.

މިއާއެކު ކުތުބުޙާނާގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިމަސައްކަތް ފެށުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ 7 ސަރަހައްދެއްގައި ލައިބްރަރީތައް ބިނާކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ މިމަސައްކަތް ކުރާނެ ސަރަހައްދުތައް މިހާރު ކަނޑައެޅިފައިވާކަމަށް ވިދާޅުވެފައެވެ.

ޒުވާނުންނާއި ބެހޭ ވުޒާރާޢިން ވިދާޅުވީ ޤައުމީ ކުތުބުޙާނާގެ މަސައްކަތް މިއަހަރު ކުރަމުން ގެންދާނީ، 5 އަހަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން ކަމަށެވެ. އެގޮތުން އެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.