ރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމާއި، ބޮޑުވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށާއި މިކަންކަމާ ގުޅުންހުރި އެކިއެކި ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމުމުގެކުރިން މިދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމެވެ. މި އަމާޒު ހާސިލްކުރުމަށް މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
2024 ވަނަ އަހަރު ފެށުނުއިރު އިއާދަކުރަނިވި ހަކަތައިގެ ޖުމްލަ އިންސްޓޯލްޑް ކެޕޭސިޓީއަކީ 53 މެގަވޮޓެވެ. އެއީ ބޭނުންކުރާ ހަކަތައިގެ އެންމެ 4 އިންސައްތައެވެ. މި ސަރުކާރުގެ އަމާޒަކީ 5 އަހަރުގެ މިދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ. އެގޮތުން 2024 ވަނަ އަހަރު ވަނީ 15 މެގަ ވޮޓް އިތުރުކޮށްފައެވެ. މިއާއެކު މިހާރު ރާއްޖޭގެ ހަކަތައިގެ ޖުމްލަ އިންސްޓޯލްޑް ކެޕޭސިޓީއަކީ 68 މެގަވޮޓެވެ.
ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް މިދިޔަ އަހަރު ދ. ކުޑަހުވަދޫގައިވަނީ ފެނަކައިން ޑިޖިޓަލް ސްމާޓު މީޓަރާއެކު ކަރަންޓުދޭން ފަށާފައެވެ. މިއީ ރާއްޖޭގެ ރަށެއްގައި ސްމާޓް މީޓަރަށް ބަދަލުކުރެވުނު ފުރަތަމަ ފަހަރެވެ. މި މީޓަރުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަރަންޓް ބޭނުންކުރެވޭވަރު ދުވަހުން ދުވަހަށް ބަލާލެވޭނެއެވެ.
ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ކުނި މެނޭޖުކުރާ ސަރަހައްދީ 3 މަރުކަޒު ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. 2024 ވަނަ އަހަރު ތެރޭގައި ކުނި މެނޭޖްކުރަން ބޭނުން ކުރާ އެކި އާލާތްތައް ވަނީ ރައްރަށަށް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު "މަގޭ ސާފުރާއްޖެ"ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ގައުމީ ބޮޑު މަޝްރޫއެއް އެކުލަވާލާ ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން 17 ރަށެއްގައި ކުނިކޮށި އަޅައި އެރަށްރަށުގެ ކައުންސިލްތަކާވަނީ ހަވާލުކޮށްފައެވެ.
މާލެ ސަރަހައްދުގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މާލެއާއި ވިލިމާލޭގައި އެވުޒާރާއިން ޤާއިމުކޮށް ވެމްކޯއާ ހަވާލުކޮށްފައިވާ ވޭސްޓް ޓްރާންސް ފަރ ސްޓޭޝަންތަކުގެ އޮޕަރޭޝަން މިހާރު ވަނީ ފަށާފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ފެނުގެ ނިޒާމު ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައި ވަނީ 92 ރަށެއްގައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސަރުކާރުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި އިތުރު 33 ރަށަކަށް މިހާރު ފެނުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްވެސް 2024 ވަނަ އަހަރު މުހިންމު މަސައްކަތްތަކެއް ވަނީކޮށްފައެވެ. އެގޮތުން މިއަދާ ހަމައަށް 93 ސަރަހައްދަކުން ޖުމްލަ 63,401 ހެކްޓަރު ވަނީ ހިމާޔަތްކޮށްފައެވެ. 5 އަހަރު ދުވަހުގެ ތެރޭގައި 3 ބަޔޯސްފިއަރ ރިޒާވް ގާއިމުކުރުމަށް މި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. 5 އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން 2024 ވަނަ އަހަރު ނިމުނުއިރު ވަނީ 450،936 ގަސް އިންދާފައެވެ. އަދި 4،219،456 ގަސް އިންދަން 70 ތަނަކުން ޕްލެޖް ލިބިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މޫސުމަށް އަންނަމުންދާ އަވަސް ބަދަލުތައް ދެނެގަނެވޭނެ ޒަމާނީ ނިޒާމްތައް ގާއިމްކުރުމުގެ ގޮތުން ރާއްޖޭގެ 3 ސަރަހައްދެއްގައި ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް ޤާއިމުކުރުމާއި ރާއްޖޭގެ އެކިހިސާބުތަކުގައި ބެހެއްޓި ހަލާކުވެފައި ހުރި 26 އޮޓޮމެޓިކް ވެދާ ސްޓޭޝަންގެ ތެރެއިން 12 ސްޓޭޝަން މަރާމާތުކޮށް ބޭނުން ކުރަން ފެށުމާއި އަދި ހުޅުލޭގައި ބަހައްޓާފައިވާ ރާޑަރު މަރާމާތުކޮށް އައްޑޫ ސިޓީ ގަމުގައި އިތުރު ރާޑަރެއް ވަނީ ހަރުކުރެވިފައެވެ.
އ.ދ. ގެ 79 ވަނަ އާންމު ޖަލްސާގެ ހައިލެވެލް ވީކްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަފުދުގައި މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެން މޯލްޑިވްސް ސްޓޯރީގެ ނަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ޚާއްސަ ސައިޑް އިވެންޓެއް ބާއްވާފައެވެ. މިއިވެންޓުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން ހުރި މިންވަރު 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންސް އެކްޓްގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ޖުމްލަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގެން ހަކަތައިގެ ދާއިރާއާއި ކުނީގެ މައްސަލައާއި ފެނާއި ނަރުދަމާގެ ދާއިރާ އަދި މޫސުމީ ބަދަލުތަކުގެ ދާއިރާގެ ކަންކަން ހަރުދަނާކޮށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ފާއިތުވެދިޔަ އަހަރެއްހާ ދުވަހަކީ ދަތިތަކާއެކުވެސް މި ދާއިރާތަކުން ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.