އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026ގެ ތިންވަނަ ހޮވުމަށް ބޭއްވި ބްރޯންޒް މެޑަލް މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ޖުމްލަ ހަތަރު ގައުމުން ބައިވެރިވި މި މުބާރާތް ކުރިއަށްދިޔައީ ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް، ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޛާއެއް ނެރޭ ދެޓީމެއް ފައިނަލް މެޗެއް ކުޅޭގޮތަށް އަދި ތިންވަނައާއި ހަތަރުވަނަ ގްރޫޕް ސްޓޭޖުގައި ލިބޭ ދެޓީމު ބްރޮންޒް މެޑަލް މެޗެއް ކުޅޭ ގޮތަށެވެ.
ގްރޫޕް ސްޓޭޖުގައި ވެސް ރާއްޖެއިން ކުޅުނު ތިން މެޗުންވެސް ވީ ބައްޔެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ކުޅުނުއިރު މި މެޗުން ރާއްޖެ ބަލިވީ 8-40 ގެ ނަތީޖާއަކުންނެވެ.
ދެވަނަ މެޗުގައި ރާއްޖެއިން ނުކުތީ ނޭޕާލާ ދެކޮޅަށެވެ. އެމެޗުން ރާއްޖެ ބަލިވީ 18-24 އިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު މި މެޗުން ރާއްޖެ ބަލިވީ 20-33 އިންނެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ހޭންޑްބޯޅަ ޓީމު އެ ގައުމަށް ފުރީ މި މަހުގެ 17ވަނަ ދުވަހުގެރެއެވެ.