ރާއްޖޭގައި މިވަގުތު ބޭނުންކުރަމުންދާ އެންމެ ދުވަސްވީ އެއް ބަނދަރު އޮތީ ނ. ޅޮހީގައެވެ. ސުނާމީގެ ފަހުން ތަރައްޤީކޮށްފައިވާ މިބަނދަރަކީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރުވެސް ބޭނުންކުރުން އެންމެ ރަނގަޅު ބަނދަރެއް ނޫނެވެ. އެހެންކަމުން ބަނދަރު އަލުން ތަރައްޤީވެގެން އައުމަކީ ރަށުގެ ރައްޔިތުން ނުހަނު އެދިއެދި ތިބިކަމެކެވެ. އެގޮތުން އަންނަ ހަފްތާގެ ތެރޭގައި ބަނދަރުގެ ބައެއް ނިންމައި ބޭނުންކުރެވޭވަރު ކުރުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ދަނީ ބާރު ސްޕީޑުގައި މަސައްކަތްކުރަމުންނެވެ.
ޅޮހީ ބަނދަރަށް މިހާރު ލަފާ ސަރަހައްދުގެ ވާޓަރުން ބައެއް ވެއްޓި އެކި ހިސާބުތަކުން ރެނދުލައި ހަލާކުވެފައިވާއިރު، މޫސުން ގޯސްވެ ވައިގަދަވާ ދުވަސްވަރު އެތަން ބޭނުންކުރުން އެންމެ ރައްކާތެރިއެއް ނޫނެވެ.
ޕީއެސްއެމްނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ޅޮހީ ކައުންސިލް ރައީސް އިބްރާހީމް މުޙައްމަދު ވިދާޅުވީ ޅޮހީ ބަނދަރު ވީރާނާވެ ބޭޏުންކުރަން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެރަށަށް އިގްތިޞާދީ ގޮތުން ލިބެންޖެހޭ ފައިދާއާ މަންފާ ލިބުމުގައިވެސް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ބަނދަރު ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ އައިސްޕްލާންޓަކީ ސަރަޙައްދުގެ މަސްވެރިން، އައިސްގަނެވޭ ގޮތަށް ޤާއިމްކޮށްފައިވާ ތަނަކަށްވީނަމަވެސް އެތަނުގެ ބޭނުންވެސް އެންމެ އެދެވޭ ގޮތުގައި ނުހިފޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ބަނދަރަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ މިހާރު ހުންނަ އޮޑިދޯނިފަހަރަށްވުރެ ބަނދަރުގެ ޖާގަ ކުޑަވުން. އަނެއްކަމަކީ ފުދޭވަރަކަށް ކުރިން ގޯނިޖައްސައިގެ ހަދާފައިވާ ބަނދަރެއްކަމުން ބަނދަރު މިހާރުވަނީ ވަރަށްބޮޑަށް ހަލާކުވެފައި. ކީވޯލްގައި ލަފާފުރުމަށް ބޭނުންކުރެވޭނެ އެއްވެސް ސަރަޙައްދެއް މިހާރުނެތް" ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް ޙާލަތަކީ، ސިއްޙީ ކުއްލި ޙާލަތަކާއި ގުޅިގެން ބަލި މީހަކު ސީއެމްބިއުލާންސްގައި ފުރުވާލަންޖެހޭ ވަގުތުތަކުގައިކަމަށެވެ. އަދި ވިއްސާރަ މޫސުމުގައި ބަނދަރުތެރެ ގަދަވުމުން އެކަމަށް ނުހަނު ދަތިވާކަން ކައުންސިލުން ފާހގަކުރިއެވެ.
ޅޮއްސަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެރަށުގެ ބަނދަރު އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023ވަނަ އަހަރުގެ އޯގަސްޓްމަހުގައެވެ.
ވެރިކަން ބަދަލުވިނަމަވެސް ޅޮހީ ބަނދަރުގެ މަސައްކަތްކުރިއަށްދާތީ އެކަމުގެ ހިންހަމަޖެހުން ރައްޔިތުންނަށް އެބައޮތްކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.
ޅޮހީގެ އައު ބަނދަރުގެ 150 މީޓަރުގެ ކީވޯލްގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަން މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ފާހގަަކުރައްވަވައެވެ. އަދި ޕޭމަންޓްގެ މަސައްކަތާއެކު ބަނދަރުގެ އެއްބައި ނިންމާ އަންނަ ހަފްތާގެ ތެރޭގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސައްކަތްދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމާއެކު، ބަނދަރުގެ ދެން އޮތް ބައިގެ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި މުޅި މަޝްރޫޢު ނިންމޭނެކަމަށް އެކުންފުނިން ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.
މި މަޝްރޫއުގެ ދަށުން ޅޮހީގައި 66000 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 2205 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 281 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި، 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި، 95 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 366 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 50 މީޓަރުގެ ގްރޮއިން ޖަހާ، 10 މޫރިންގ ބޮއި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 68 މިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްޤީކުރާ ބަނދަރެކެވެ.
މި ބަނދަރުގެ މަސައްކަތް ނިމޭއިރު ބަނދަރާއި ގުޅިގެން ޅޮހީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަށް ހައްލުވެ، ޒަމާނީ ފެންވަރުގެ ފުރިހަމަ ބަނދަރެއްގެ ފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެއެވެ.