ޚަބަރު

ޓޫރިޒަމް ސަރވޭއާއެކު މި ދާއިރާގެ މަޢުލޫމާތު މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެ: ޑރ. މުޢާވިޔަތު


  • ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ މިހާރު ވަނީ އިފްތިތާޙްކޮށްފައި

  • ސަރވޭ އެކުލަވާލާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށްޓާ ގުޅުންހުރި މަޢުލޫމާތު ހިމަނައިގެން

ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން އެކުލަވާލި ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތު މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއާގައި ހިމެނޭ ތިމާވެށްޓާބެހޭ މަޢުލޫމާތާއި އެނޫންވެސް އެ ދާއިރާއާގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިމަނައިގެން އެކުލަވާލި ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭ މިހާރު ވަނީ އިފްތިތާޙްކޮށްފައެވެ.

ސަރވޭ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ވިދާޅުވީ، ޓޫރިޒަމް ސަރވޭގައި ތިމާވެށްޓާ ގުޅުންހުރި ގިނަ އަދަދެއްގެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ކަނޑައެޅޭނެ ކަމަށެވެ. އަދި ނެޝަނަލް ގްރީން ހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމަށް ބޭނުންވާ ތަފްސީލީ މަޢުލޫމާތު މި ސަރވޭއިން ލިބޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ ޓޫރިޒަމް ސްޓެޓިސްޓިކްސް ސަރވޭގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތު މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށެވެ. އަދި މި ސަރވޭގެ ސަބަބުން ބައިނަލްއަޤުވާމީ އެކި މުޢާހަދާތަކަށް ފޮނުވަންޖެހޭ ތިމާވެށްޓާ ގުޅުންހުރި ރިޕޯޓުތައް އެކުލަވާލުމުގައި ފަސޭހަތަކެއް ލިބޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުޢާހަދާ ޕެރިސް ބައިލިނިއަލް ޓްރާންސްޕޭރެންސީ ރިޕޯތް ބީޓީއާރު، ނެޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިޔުޝަން ރި÷ޮތުތައް ހެދުމަށް ފަުތުރވެރިކަމުގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަގު ފަހިވާނެ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓޫރިޒަމް ސަރވޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.

މޯލްޑިވްސް ޓޫރިޒަމް ސަރވޭ އެކުލަވާލުމުގެ މަސައްކަތް ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ސަރވޭގެ ސަބަބުން ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މަޢުލޫމާތު ހޯދުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އެންބީއެސްއިން ވިދާޅުވެއެވެ. މި ސަރވޭގައި 2022 ވަނަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުން އެއްކުރެވުނު ބައެއް މަޢުލޫމާތުތައްވެސް ވަނީ ހިމަނާފައެވެ.

ސަރވޭގެ މަސައްކަތް ނިންމާލާފައިވަނީ އެންބީއެސްއާއި ތިމާވެށްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީއާ ގުޅިގެންނެވެ.