އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދަވާ ޒުވާން ޚަޠީބުން ތަމްރނުކުރުމުގެ ޕްރޮގްރާމަށް އައްޑޫ ސިޓީން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި އައްޑޫސީޓީންއިން 18 ޚަޠީބަކުވަނީ ސަނަދު ޙާސިލުކޮށްފައެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ އިމާމުންގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. ސްކޫލް ކުދިންނާއި ބެލެނިވެރިންގެ މެދުގައި މިއީ މަޤުބޫލު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 270 ޚަޠީބުންވަނީ ތަމްރީނުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީނުކުރުމެވެ.
މާލެއިން ބޭރުން ފުރަތަމަ ފަހަރަށް މިޕްރޮގްރާމްގައި ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުންގެ ޕްރޮގްރާމަށް އެސިޓީން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި އެސިޓީން 18 ޚަޠީބުން ސަނަދު ޙާސިލުކޮށްފައިވާކަމަށާއި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ އެސިޓީގައި ތިއްބެވި އިމާމުންނާއި ޢިލްމުވެރިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ބޭއްވި ޒުވާން ޚަޠީބުން ޕްރޮގުރާމްގެ ސެޓްފިކެޓް ހަވާލުކުރުން. pic.twitter.com/Gh4v8kBVFT
— Ministry of Islamic Affairs (@MVIaffairs) December 4, 2024
އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއް ޝައިޚް މުޙައްމަދު ލަޠީފްއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އިމާމުވެ ނަމާދުކުރުމާއި ޚުޠުބާ ކިޔުމާއި ބަންގި ގޮވުމުގެ ޚާއްސަ ތަމްރީނުތަކެއް ދެއެވެ. އެގޮތުން މިޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ޙާސިލުކުރާ ކުދިންނަށް ޚުޠުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ބަންގޮ ގޮވުމުގެ ހުއްދަތައް މިއާއެކު ލިބިގެންދާނެއެވެ.
ގުރޭޑު 10 އަދި 11 އާއި 12 ގައި ތައުލީމު ޙާސިލްކުރާ ކުދިންނަށް އަމާޒުކޮށް ހިންގާ މިޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ގިނަ ރަށްރަށުގެ ދަރިވަރުން ފާޅުކުރަމުންދާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އާބާދީ ބޮޑު ސަރަޙައްދުތަކުގައި މިޕްރޮގްރާމް ހިންގަވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިވަގުތުވެސް މިޕްރޮގްރާމައި ބައިވެރިވެ ސަނަދު ޙާސިލުކޮށްފައިވާ ދަރިވަރުން އެކި ރަށްރަށުގައި އިމާމުވެ ނަމާދުކުރުމާއި ހުކުރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވަމުންދާކަން ފާހަގަކުރެވެއެވެ.