ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ޚަރަދުކުޑަކުރުމުގެ ލަނޑުދަނޑިތައް ޙާސިލުވާނެ: މާލީ ވަޒީރު


  • ވަޒީރު ވިދާޅުވީ އަލަށް ތަންފީޒުކުރާކަންކަމަށް އިސްލާޙު ގެންނަންޖެހޭނެކަމަށް

ޚަރަދުކުޑަކުރުމަށްޓަކައި ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ޙަސިލުކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބަޖެޓުގައި ކަނޑައަޅާފައިވާ ފިސްކަލް ރީފޯމްތަކަށް، ނުވަތަ ޚަރަދުކުޑަކުރުމުގެ އިޞްލާހީ ފިޔަވަޅުތަކަށް ބައެއް ބަދަލު ގެނައުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ބަޖެޓުގެ ލަނޑުދަނޑިތައް ޙާސިލުވާނެތޯ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓަކީ ދައުލަތުން ޚަރަދުކުރާނެ ގޮތާއި، ފައިސާ ހޯދާނެގޮތުގެ ޕްލޭނެއްކަމަށެވެ. އަދި މުޅިން އަލަށް ކުރާ ބައެއްކަންކަމުގައި ފަށައިގަންނައިރު އިސްލާޙުތަކެއް ގެންނަޖެހިވަޑައިގަންވާނެކަން ފާހަގަކުރައްވަމުން ވަޒީރުވަނީ ބަޖެޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުވާނެކަމަށް ވިދާޅުވެފައެވެ. އަދި އިޞްލާހީ ފިޔަވަޅުތަކަށް ކުދި ކުދި ބައެއް ބަދަލު ގެންނެވިނަމަވެސް މަސައްކަތްކުރައްވާނީ ބަޖެޓުގައި ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމަށްކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެންކުރި އޮރިޖިނަލް ޕްލޭނަށް ކުޑަ ޓުވިސްޓެއް ގެނެސްގެންނަމަވެސް، ޖެނެރަލީ އަޅުގަނޑުމެން މިގެންގުޅޭ އުސޫލަކީ، އަޅުގަނޑުމެން ކަނޑައެޅި ލަނޑުދަނޑިތައް ނުވަތަ ގޯލްސްތައް ޙާސިލުކުރެވޭނެގޮތަށް ދިޔުން. އޭގެތެރޭގައި ތިދެންނެވިހެން ކުރިން އަޅުގަނޑުމެން ފޯކާސްޓްކުރާގޮތް ނޫން އެހެން ގޮތަކަށް ގޮސްދާނެ. އެހެންނަމަވެސް ޖެނެރަލީ ބަޖެޓު ހުށައެޅިއިރު ޙާސިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާސިލުވާނެ." މާލީ ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބެޖެޓުގައި ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. މިގޮތުން ދައުލަތުން ކުރާ އެންމެ ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެކި ސަބްސިޑީތަކާއި، އެކި ޕެންޝަންތައް މުރާޖައާކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތުން އަލަށް ރިޓަޔަރވާ މީހުންނަށް ދައުލަތުން ޕެންޝަން ދިނުން ހުއްޓާލުމަށް ކަނޑައެޅިނަމަވެސް، ޢާންމުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން ސަރުކާރުން ވަނީ އެ ނިންމުމަށް އަމަލު ނުކުރުމަށް ނިންމަވާފައެވެ.

2025 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރެއްވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށްވަނީ އަންދާޒާކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު މިވަގުތު ގޮތްގޮތުން ރާއްޖޭގެ ޚަރަދުކުޑަކުރުމަށް ބައިނަލްއަޤުވާމީ މާލީ އެކިއެކި އިދާރާތަކުންދަނީ އިރުޝާދުދެމުންނެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށްވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ތަޢުރީފްކުރައްވާފައެވެ.