ޚަބަރު

މަގުތަކުގައިހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް


  • މިއީ ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭ ތަންތަން ސާފުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް

މާލޭ މަގުތަކުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި އެކި ޕޯސްޓަރުތަކާއި އިޝްތިހާރުތައް ހަރުކުރުމުގެ ސަބަބުން އެ ފޮށިތައް ވަނީ ވަރަށް ބޯޑަށް ހަޑިވެފައެވެ. އެހެންކަމުން އެ ފޮށިތައް ސާފުކުރުމަށް ސްޓެލްކޯއިން ވަނީ ޚާއްޞަ ހަރަކާތެއް ފަށާފައެވެ. މި ހަރަކާތް ފަށްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީގެ އިތުރުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއެވެ.

ސްޓެލްކޯގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ހަރުކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ޚާއްޞަ ހަރަކާތެއް ހިންގާފައިވަނީ ސްޓެލްކޯގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ'ގެ ދަށުންނެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ސްޓެލްކޯގެ ޓިސްޓްރިބިއުޝަންތަކަކީ ސާފުކުރަންޖެހޭ ތަންތަންކަމަށެވެ. އަދި މާލެ ސާފުކޮށް ބޭއްވުމަކީ ހުރިހާ އިދާރާތަކެއްގެ އިތުރުން އެންމެގެން ޒިންމާއެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެއް އުޞޫލްގެ ދަށުން އެކި އިދާރާތަކުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށް ސާފުކުރާނެ ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަމަށެވެ.

"މިއީ ވަރަށް ނަމޫނާ މަސައްކަތެއް. މާލެއާއި އަތޮޅުތެރޭގައި މޫދުގައިވެސް ފުޅީގެ ބާއްވަތްތައް ގިނަ އެބަވޭ. މިއީ ވަރަށް އަވަހަށް ހައްލުކުރަން ޖެހިފައިވާކަމެއް. ކޮންޓިނިއުކޮށް ސާފުކުރާނެ ގޮތެއް ނެތީމަ ވަރަށް އުނދަގުވާނެ." މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ވެރިރަށް މާލެއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުންކަމަށެވެ. މި ޕްރޮގްރާމް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުން މުހިންމުކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"މިކަންތައް ކުރިއަށްގެންދިޔުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭނީ އަޅުގަނޑުމެންގެ މުވައްޒަފުން." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކާއި، އެނޫންވެސް އެކި ފަރާތްތަކުން ހިންގާ އެކި ޕްރޮމޯޝަންތަކުގެ ޕޯސްޓަރުތަކާއި އިޝްތިހާރުތައް ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސްޓޭޝަންތަކުގައި ހަރުކުރެއެވެ. މިކަމުގެ ސަބަބުން މަގުމަތީގެ ސާފުތާހިރުކަންވެސް ގެއްލެއެވެ.

އެހެންކަމުން ސްޓެލްކޯއިން ފެށި ޕްރޮގްރާމަކީ އެކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ފެސިލިޓީތައް ހިމެނޭ ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މިގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެކުންފުނިން ޚިދުމަތް ދެމުން ގެންދާ ރަށްތަކުގެ ސަބްސްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ހިމެނޭ ސަރަޙައްދުތައް ސާފުކުރާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.