ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އަންނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. މެނޭޖިން ޑިރެކްޓަރ ޝަރީފް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް، އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ފުރަތަމަ އަމާޒު ހިފީ މިއަހަރު ނިމުމުގެ ކުރިން އައު ޓަރމިނަލްގެ ބައެއް މިއަހަރުގެތެރޭގައި ހުޅުވުމަށެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ޓަރމިނަލްގެ އެއްބައި އޮޕަރޭޝަނަށް ގެނެވިދާނެ ކަމަށެވެ. އެހެންނަމަވެސް މިއީ ފަތުރުވެރިކަމުގެ ހައި ސީޒަންގައި ގެންނަން ރަނގަޅު ބަދަލެއް ނޫން ކަމަށް ރާއްޖެއަށް ދަތުރުކުރާ އެއައެއަރލައިންތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ކޮމިޓީން ލަފާ ދީފައިވާތީ، މުޅި ޓަރމިނަލް އެއްކޮށް ހުޅުވާ ބޭނުންކުރަން ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.
"އެއަރލައިން އޮޕަރޭޓަރސްއިން އެޕްރޯޗުކޮށްފައި ވިދާޅުވީ، ކޮމްޕޯނަންޓެއް ނުހުޅުވާ، މުޅި ޓަރމިނަލް ލޯ ސީސަންގައި ހުޅުވަން، އެލަފާ އަޑުއައްސަވާ ރައީސް ނިންމެވީ، އަންނަ އަހަރުގެ ޖޫން ނޫނީ ޖުލައިގައި އެއަރޕޯޓު ހުޅުވުމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޓަރމިނަލްގެ މަސައްކަތްތައްދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ. އަދި މިހާ ހިސާބަށް އައިއިރު މަސައްކަތުގެ %85 ނިމިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްއިން މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓަރާއި ވަރަށް ގާތުން ކަމަށެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.