އެމެރިކާގެ އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ޖިއާނިސް އެންޓެޓޮކޫމްޕޯ ދެއްކި މޮޅު ކުޅުމާއެކު ޝިކާގޯ ބުލްސް އަތުން 122 ޕޮއިންޓް 106 ޕޮއިންޓުން މިލްވައުކީ ބަކްސް މޮޅުވެއްޖެއެވެ.
މިއީ އެންބީއޭގެ މި ފަހަރުގެ ސީޒަނުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ.
މިލްވައުކީގައި ހުންނަ ފިސާވް ފޯރަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ކުއާޓާއަށް ފަހު މިލްވައުކީ ބަކްސްއިން ވަނީ 12 ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. އެ ޓީމުން ފުރަތަމަ ދެ ކުއާޓާއަށް ފަހު ލީޑު ކުރަމުންދިޔައީ 69 ޕޮއިންޓް 57 ޕޮއިންޓުންނެވެ. އެކަމަކު، ދެން ޖެހިގެންއައި ތިންވަނަ ކުއާޓާގައި 33 ޕޮއިންޓް 29 ޕޮއިންޓުން ޝިކާގޯ ބުލްސް އިން ލީޑު ކުރިނަމަވެސް، ފަހު ކުއާޓާގައި 24 ޕޮއިންޓް 16 ޕޮއިންޓުން ކުރިހޯދައި، މިލްވައުކީ ބަކްސް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި މިލްވައުކީ ބަކްސްގެ ގްރީސް ޕަވާ ފޯވާޑް، ޖިއާނިސް ވަނީ 41 ޕޮއިންޓާއެކު ނުވަ ރީބައުންޑް ނަގައި، އަށް އެސިސްޓް ހަދާފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ ބްރޫކް ލޮޕޭޒް އާއި ޑެމިއަން ލިލާޑް އެވެ. ލޮޕޭޒް ވަނީ 21 ޕޮއިންޓް އެއްކޮށްފައެވެ. އަދި ލިލާޑް ވަނީ 20 ޕޮއިންޓާއެކު، ފަސް ރީބައުންޑް ނަގައި، 10 އެސިސްޓް ހަދާފައެވެ.
ޝިކާގޯ ބުލްސް އިން އެންމެ ރަނގަޅަށް ކުޅުނު ޒެކް ލަވީން 27 ޕޮއިންޓް އެއްކުރިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޓޮރޭ ކްރެއިގް 15 ޕޮއިންޓް އެއްކުރިއިރު، ނިކޮލާ ވުކްސެވިޗް އާއި ކޮބީ ވައިޓް ކުރެން ކޮންމެ ކުޅުންތެރިއަކު ވަނީ 14 ޕޮއިންޓް އެއްކޮށްފައެވެ.
މި މުބާރާތުގައި ދެން ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކްލީވްލެންޑް ކަވާލިއާސް ވަނީ 128 ޕޮއިންޓް 100 ޕޮއިންޓުން ނިއު އޯލިއަންސް ޕެލިކަންސް ބަލިކޮށްފައެވެ. މި މެޗުގައި ކަވާލިއާސްގެ ޓާއި ޖެރޯމް 29 ޕޮއިންޓް އެއްކުރިއިރު، ޕެލިކަންސްގެ އެންޓޯނިއޯ ރީވްސް ވަނީ 34 ޕޮއިންޓް އެއްކޮށްފައެވެ.
މީގެއިތުރުން، އޮކްލާހޯމާ ސިޓީ ތަންޑަރ އަތުން ޕޯޓްލަންޑް ޓްރެއިލްބްލޭޒާސް ބަލިވީ 109 ޕޮއިންޓް 99 ޕޮއިންޓުންނެވެ. މި މެޗުގައި ތަންޑަރގެ ޖަލެން ވިލިއަމްސް 30 ޕޮއިންޓާއެކު، ހަތް ރީބައުންޑް ނަގައި، އަށް އެސިސްޓް ހެދިއެވެ. ޕޯޓްލަންޑުގެ ޝޭޑަން ޝާޕް ވަނީ 21 ޕޮއިންޓް އެއްކޮށްފައެވެ.