ތަރައްޤީވެފައިވާ ޤައުމަކަށްވުމަށް ރާއްޖެއިންކުރާ ދަތުރުގައި ޑިވެލޮޕްމެންޓް ބޭންކު އޮފް މޯލްޑިވްސް، ޑީބީއެމްއިން މުހިންމު ދައުރެއް އަދާކުރާނެކަމަށް އެ ބޭންކުގެ ސީއީއޯ ބޭންކުގެ ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޑިވެލޮޕްމެންޓް ބޭންކު އޮފް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޑީބީއެމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދު އައު އުސްމިންތަކަކަށް ގެންދިޔުމުގައި އެ ބޭންކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ސީއީއޯ ވިދާޅުވީ ރާއްޖެއަށް މާލީ ދަތިތަކާއި ޢިމާރާތްކުރުމުގެ ދާއިރާގައި އިންވެސްޓްމެންޓް މަދުވުންފަދަ ދަތިތައް ދިމާވާ ކަމަށެވެ. އަދި ރާއްޖޭގެ ދަރަނިވެސް ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޑިވެލޮޕްމެންޓް ބޭންކާއެކު މާލީ ޙާލަތު ރަނގަޅުކޮށް، މަޝްރޫޢުތަކަށް އިންވެސްޓަރުން ހޯދައިދީ ޢިމާރާތްކުރުމުގެ ދާއިރާ ފުޅާކުރެވޭނެކަމަށް ނޮއެލް ގްރެގަރ ވިދާޅުވިއެވެ.
ޑީބީއެމްގެ ސީއީއޯ ވިދާޅުވީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމުގައި ޑީބީއެމްއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"ޑީބީއެމްއިން ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް އިންވެސްޓްމެންޓް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ. އަދި މިތަނުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ." ސީއީއޯ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ބޭންކެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.