ޚަބަރު

ދިއްގަރު ޞިއްޙީ މަރުކަޒުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ޚާއްސަ ކްލިނިކް ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި


  • ދިއްގަރުގައި ހަކުރު ބައްޔާއި، ލޭ މައްޗަށް ދާ މީހުން ގިނަ

މ. ދިއްގަރު ސިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ އެން.ސީ.ޑީ ނުވަތަ ގައިންގައިން ނާރާ ބަލިތަކަށް ޚާއްސަ ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ކްލިނިކް ހުޅުއްވައި ދެއްވީ މިއަހަރުގެ ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރައީސުލުޖްމްހޫރިއްޔާގެ އަނިބިކަނބަލުން ސާޖިދާ މުޙައްމަދު ދިއްގަރަށް ވަޑައިގަތުމުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ދިއްގަރު ސިއްޙީ މަރުކަޒުގައި ތަރައްޤީކޮށްފައިވާ އެންސީޑީ ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން އަލަށް ޤާއިމުކުރި ކްލިނިކް ހުޅުވާދެއްވާފައެވެ. އެއަށްފަހު އެކަމަނާ ވަނީ އެތަން ބައްލަވާލައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ދިއްގަރު ޞިއްޙީ މަރުކަޒުން ވިދާޅުވީ، މިފަދަ ކްލިނިކެއް ހުޅުވުމުގެ މައިގަނޑު ބޭނުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވާތީ ދުރާލާ އެކަން ދެނެގަނެ ފަރުވާ ދިނުންކަމަށެވެ. އެގޮތުން އެރަށުގައި ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް އިތުރުވަމުން އަންނަކަމަށާއި އަތޮޅުގެ ދެވަނައަށް އެންމެ ގިނައިން މިފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން ދިރިއުޅެނީ އެރަށުގައިކަމަށް ޞިއްޙީ މަރުކަޒުން ފާހަގަކުރައްވައެވެ.

މި ކްލިނިކްގެ އެހީގައި އެފަދަ ބަލިތައް ޖެހިފައި ތިބި މީހުންގެ ހާލަތު ދެނެގަތުމާއި އެފަދަ ބަލިތަކަށް ޓެސްޓްތައް ހަދާ ހޭލުންތެރިކުރުމުގެ މަޢުލޫމާތުތައް ބަލި މީހުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ކްލިނިކް ޤާއިމުކޮށްފައިވަނީ 2023 ވަނަ އަހަރު ހުޅުވި އޮފީސް އިމާރާތުގެ ބައެއްގައެވެ.

ދިއްގަރު ސިއްޙީ މަރުކަޒަކީ 2004 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭން ފަށާފައިވާ ތަނެކެވެ. މިތަނުން 2 ޑޮކްޓަރުންނާއެކު ޚިދުމަތް ދެމުންއަންނައިރު މިއީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ޞިއްޙީ މަރުކަޒެކެވެ. މިއީ ރަށުގެ ރައްޔިތުންގެ އިތުރަށް ކައިރީގައި އޮންނަ ރިސޯޓުތަކުންވެސް ޞިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ސިއްޙީ ތަނެކެވެ.

މި ޞިއްޙީ މަރުކަޒުން ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު މޯބައިލް ލެބޯޓަރީގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. ދިއްގަރު ސިއްޙީ މަރުކަޒުން ދުވާލެއްގެ މައްޗަށް 15 އާއި 20 ދެމެދުގެ މީހުން ޚިދުމަތް ހޯދައެވެ.