ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފައްޓާފައިވާ "އޮޕަރޭޝަން ކުރަންގި"ގެ ދަށުން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މުޅިރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެވެ. މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ދަށުން އަންނަނީ ވަށާޖެހޭނެ ޙައްލަކާ ދިމާއަށް މަސައްކަތްކުރަމުންނެވެ.
"ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގި ރާއްޖޭގެ 138 ރަށެއްގައި މިވަގުތު ކުރިއަށްދާކަމަށެވެ. އަދި މީގެ ތެރެއިން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒެއް އަންނަ އަހަރުގެ އޭޕްރީލްއާއި ހަމައަށް މިމަސައްކަތް ނިންމުން. އަޅުގަނޑުމެންވާނީ ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ހުރަސްތަކެއް އަޅަމުންދިޔަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވާ އެފަދަ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމުވާނީ ހަމަޖައްސާފައި." ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދިޔަ 5000 އެއްހާ ބިދޭސީން މިހާރު ރައްޖެއިން ފުރުވާލާފައިވާކަމަށެވެ. އެހެންކަމުން މިދާއިރާއިން ބޮޑު ބަދަލަކާ ދިމާއަށް ދިޔުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަނގަޅު މިސްރާބަކަށް މަސައްކަތްކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުވަނީ ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން މިވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ކުރެވުނު އެހެން މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތަކާއި ގޭންގު ކުށް ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކާއި، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޖަލުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރެވުނު މުހިއްމު މަސައްކަތްތަކާއި ޙާސިލުކުރެވުނު ކާމިޔާބީ ފާހަގަކުރައްވާފައެވެ.