ބޭރުފައިސާއާ ބެހޭ އައު ޤަވާއިދުގެ ދަށުން ރަޖިސްޓްރީނުވަނީ އެންމެ ރިސޯޓެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރީތަކެއް މި ޤަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓްރީވާންޖެހެއެވެ.
އެމްއެމްއޭއިން ވިދާޅުވީ، ބޭރުފައިސާއާ ބެހޭ އައު ޤަވާއިދުގެ ދަށުން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ 174 ރިސޯޓު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މި ޤަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.
އައު ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.
ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.
ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.
އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.
މިހާރު ޢަމަލުކުރަން ފެށި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.