ޚަބަރު

ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަަކަށް 2 ބިލިޔަން ރުފިޔާ


  • މިއީ 2023 ވަނަ އަހަރު ދޫކޮށްދައިވާ މިންވަރަށްވުރެ %14.3 އިތުރު އަދަދެއް

އަންނަ އަހަރު ބްލޮކް ގްރާންޓުގެގޮތުގައި ކައުންސިލްތަކަށް 2.2 ބިލިޔަން ރުފިޔާ ދޫކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފްސީލްތަކާއެކު ނެރެފައިވާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލް ބްލޮކް ގްރާންޓްގެގޮތުގައި އެންމެ މަދުވެގެން ދޫކުރުމަށް ކަނޑައަޅާފައިވާ އާމްދަނީގެ އިންސައްތަ ހިސާބުކޮށްފައިވާގޮތް ބަދަލުކުރުމަށް ރާވައި ބަޖެޓު ހުށަހަޅާފައިވީ ނަމަވެސް، މިވަގުތު ބްލޮކް ގްރާންޓް ހިސާބުކުރާ ގޮތް ބަދަލު ނުކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް މިހާރު ހިއްސާކޮށްފައިވާކަމަށްވެސް ރިޕޯޓުގައިވެއެވެ.

ކުރިން އަންނަ އަހަރު ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ މިންވަރުގެ ގޮތުގައި ހިމަނާފައި އޮތީ 1.4 ބިލިޔަން ރުފިޔާއެވެ. އެހެން ނަމަވެސް މިހާރު ހުށަހަޅާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި (އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ސަރުކާރުން ވަކި ކަންކަމަށް ކަނޑައަޅާފައިވާ އާމްދަނީ ނުހިމަނައި) އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އަދި ކައުންސިލްތަކުގެ އިހުތިސާސްގެތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުފަދަ ސަރަހައްދުތަކުގެ ކުލީގެގޮތުގައި ލިބޭ އާމްދަނީގެ %40 އިންސައްތައާ އެއްވަރުގެ އަދަދެއްކަމުގައިވާ 2.1 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގައި ހިމެނުމަށެވެ.

ބްލޮކް ގްރާންޓު ދޭ ގޮތް ބަދަލުކުރަން ފުރަތަމަ ހުށަހަޅާފައިވަނީ އާމްދަނީ އިތުރުވަމުންދާއިރު، ކައުންސިލްތަކުގެ ބްލޮކް ގްރާންޓުވެސް މިއާ އެއްމިންވަރެއްގައި އިތުރުކުރުމަށެވެ. އަދި ކައުންސިލްތަކުން އަމިއްލައަށް ހޯދާ އާމްދަނީވެސް އިތުރުވަމުންދާއިރު، ކައުންސިލްތަކުގެ އާންމު ޚަރުދުތައް އެއާ އެއްހަމައަކުން އިތުރުވަމުންނުދާކަން ފާހަގަވެފައިވާތީކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުންނުކޮށް ހުރި ފައިސާގެ ޖުމްލަ އެވަރެޖްކޮށް ބަލާއިރު އިތުރުވަމުން އަންނައިރު، މުޅި ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްގައި މި ބަދަލު ގެނެސް ނަމަވެސް ފިސްކަލް ހާލަތު ރަނގަޅުވަމުން އަންނަވަރަކަށް މި އަދަދު ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު މިންވަރަށްވުރެ އިތުރުކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އަންނަ އަހަރު 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެގޮތުގައި ދޫކުރުމަށް ރާވާފައިވާއި އިރު، މިއީ 2023 ވަނަ އަހަރު ދޫކޮށްދައިވާ މިންވަރަށްވުރެ 14.3 އިންސައްތަ އިތުރު މިންވަރެކެވެ.