ޚަބަރު

މަގޭ ސޯލަރ ޕްރޮގްރާމް: 7 ކިލޯވޮޓުގެ ސޯލަރ ހަރުކޮށްދޭން އެދުމަށް އަންނަ އަހަރު އިޢުލާންކުރާނެ


  • މިހާރު ވަނީ 3 އަދި 5 ކިލޯވޮޓުގެ ސޯލަރ ހަރުކޮށްދޭން އެދުމަށް ހުޅުވާލާފައި

މަގޭ ސޯލަރ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި 7 ކިލޯވޮޓުގެ ސޯލަރ ސިސްޓަމްތައް ހަރުކޮށްދޭން އެދޭވޭގޮތަށް އަންނަ އަހަރު އިޢުލާންކުރާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން މިހާރު ހުޅުވާލާފައިވަނީ 3 ކިލޯވޮޓާއި 5 ކިލޯވޮޓުގެ ސޯލަރ ސިސްޓަމް ހަރުކޮށްދޭން އެދުމުގެ ފުރުޞަތަށެވެ. މިގޮތުން މި ސިސްޓަމްތައް 748 ގޭބިސީއެއްގައި ހަރުކޮށްދޭން ހަމަޖެހިފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ "ރިޔާސީ ތަޤުރީރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަކަތައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ މިހާރު ދެ އަދަދެއްގެ ކިލޯވޮޓުގެ ސޯލަރ ހަރުކޮށްދޭން އެދުމަށް ގޭބިސީތިކަށް ހުޅުވާލާފައިވާ ކަމަށާއި އަންނަ އަހަރު 7 ކިލޯވޮޓުގެ ސިސްޓަމްތަކަށް އެދުމަށް ހުޅުވާލެވޭނެކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެއަށްވުރެ އިތުރު ކިލޯވޮޓުގެ ސިސްޓަމްތައް ހަރުކޮށްދޭން އެދުމަށްވެސް ހުޅުވާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރުގެ ތެރޭގައި ގެތަކުގައި ސޯލަރ ޕީވީ ސިސްޓަމްތައް ޖަހަމުންދާނެ. މިކަން ކުރުމަށް ގްރިޑް އަޕްގްރޭޑްކުރުމާއި ބެޓެރި ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. 150 މެގަވޮޓު ޕަރ އަވަރގެ ބެޓެރި ސިސްޓަމްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން." ޑރ. މުއާވިޔަތު ވިދާޅުވިއެވެ.

ޑރ. މުއާވިޔަތު ވިދާޅުވީ، މިހާރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 53 މެގަވޮޓުން 68 އަށް މެގަވޮޓަށް ހަމައެކަނި މިއަހަރުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ %2 ގެ އިތުރުވުމެއް ކަމަށާއި، އެހެންކަމުން މިހާރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތަކީ %6 ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ހަކަތައާބެހޭ ވުޒާރާއިން މަގޭ ސޯލަރ ޕްރޮގްރާމް ފަށާފައިވަނީ އާންމު ރައްޔިތުން ކަރަންޓަށްކުރާ ހޭދަ ކުޑަކުރުމާއި ރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ. މަގޭ ސޯލަރ ޕްރޮގްރާމަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.