ޚަބަރު

ކާނާގެ ޔަޤީންކަން ކަށަވަރުކޮށް ކާރިސާތަކުން ރައްކާތެރިވުމަށް އޭޑީބީން ރާއްޖެއަށް 21 މިލިޔަން ޑޮލަރުގެ އެހީއެއް


  • 4 މިލިޔަން ޑޮލަރަކީ ލޯނު އެހީ

  • 17.95 މިލިޔަން ޑޮލަރަކީ ހިލޭ އެހީ

  • މި އެހީގެ ދަށުން މާލެއާއި އައްޑޫގައި އަރލީ ވޯނިންގ ސިސްޓަމްތައް ޤާއިމުކުރެވޭނެ

  • ކުޅުދުއްފުށީ ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެވޭނެ

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅު އެޅުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުން ރާއްޖެއަށް 21.95 މިލިޔަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ހަމަޖައްސައިފިއެވެ.

އޭޑީބީން ބުނީ މި ޕެކޭޖްގެ ދަށުން 4 މިލިޔަން ޑޮލަރު ދެނީ ލޯނެއްގެ ގޮތަށް ކަމަށާއި 17.95 މިލިއަން ޑޮލަރަކީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ދޭ ގްރާންޓެއްކަމަށެވެ.

މި އެހީގެ ދަށުން ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެހެމެއްޓެނެވިކަން ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އޭޑީބީން ބުންޏެވެ. އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާގައި މިހާރު ހުރި ވަސީލަތްތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމާއި، މާލެއާއި އައްޑޫސިޓީގައި އަރލީ ވަރނިންގ ސިސްޓަމެއް ޤާއިމުކުރުންވެސް ހިމެނެއެވެ.

ހަމައެހެންމެ ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީގައި ފެން ބޮޑުވުން ހައްލުކުރަން ސްޓޯމް ވޯޓަރ ޑްރެނޭޖް ސިސްޓަމެއް ޤާއިމުކުރުމާއި ކުޅުދުށްފުށީގެ ކަނޑޫފާ ސަރަހައްދު އަލުން އާލާކޮށް، ގުދުރަތީ ވެށި ޚިމާޔަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި އެހީ މެދުވެރިކޮށް ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ޕާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް އެ ވަސީލަތްތައް ބޭނުންކުރާނެގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދެވިގެންދާނެއެވެ. އަދި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ދިރާސާ ކުރެވޭނެ މަލްޓިޕަރޕަސް ފެލިޓީއެއް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އޭޑީބީން ބުނެއެވެ.

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީވުމަށް 21.95 މިލިޔަން ޑޮލަރު ދޭން އޭޑީބީން ނިންމާފައިވާއިރު، ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައި އެ ބޭންކަކީ މުހިންމު ދައުރެއް އަދާކުރާ ބޭންކެކެވެ.