މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަންނެލިއެވެ.
2023 ވަނަ އަހަރުގެ މިފްކޯގެ އަހަރީ ރިޕޯޓުން ދައްކާގޮތުން 2022 ވަނަ އަހަރާއި އަޅާބަލާއިރު އެކުންފުނީގެ ވިޔަފާރި ވަނީ ރަނގަޅުވެފައެވެ. އެގޮތުން އެކްސްޕޯޓްވެސް 2023 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ގަނޑުކުރި ކަންނެލީގެ ގޮތުގައި 2023 ވަނަ އަހަރު 62،352 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ 1.7 ބިލިޔަން ރުފިޔާއެވެ. 2022 ވަނަ އަހަރު ގަނޑުކުރި ކަންނެލީގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވަނީ 55،989 މެޓްރިކް ޓަނެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.
ގަނޑުކުރި ކަންނެލީގެ ގޮތުގައި މިދިޔަ އަހަރު އެކްސްޕޯޓްކުރި މަހުގެ ޢަދަދު އިތުރުވެފައިވަނީ އައު ބައެއް މާކެޓްތަކަށް އެކްސްޕޯޓްކުރުންކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ވިއެޓްނާމް އަދި މޮރިޝަސްއަށް ވަނީ މަސް އެކްސްޕޯޓްކޮށްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ ޢަދަދުވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން 227،910 ކޭސް ވަނީ ބޭރުކޮށްފައެވެ. އެއީ 148 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ.
2022 ވަނަ އަހަރު ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށްގެން 174،295 ކޭސް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ އާމްދަނީގެ ގޮތުން ބަލާނަމަ 143 މިލިޔަން ރުފިޔާއެވެ.
މިފްކޯއިން ވިދާޅުވީ، ދަޅުގައި އަދި ޕައުޗްގައި ބަންދުކުރި މަސްވެސް މިދިޔަ އަހަރު އައު މާކެޓްތަކަށް އެކްސްޕޯޓްކޮށްފައިވާކަމަށެވެ. އެގޮތުން އިނގިރޭސިވިލާތައް މުޅިން އަލަށް އެކްސްޕޯޓްކުރަން ވަނީ ފަށާފައެވެ. މަހެއްގެ މައްޗަށް އިނގިރޭސިވިލާތައް 5 ނުވަތަ 6 ކޮންޓެއިނަރގެ ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނުވިލާތުގެ އައު މާކެޓަކަށްވެސް މިދިޔަ އަހަރު ވަނީ އެކްސްޕޯޓްކުރަން ފަށާފައެވެ.
ފިޝްމީލްގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވާ އަދަދުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 28 މިލިޔަން ރުފިޔާގެ ފިޝްމީލް ވަނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 27 މިލިޔަން ރުފިޔާގައެވެ.
މިފްކޯއިން ވިދާޅުވީ، މިދިޔަ އަހަރު އެކްސްޕޯޓްކުރުމަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އަހަރުގެ ބައެއް ދުވަސްވަރުގައި ބާނާ މަހުގެ ޢަދަދު މަދުވުންކަމަށެވެ. މީގެ ސަބަބުން ޕްރޮޑަކްޝަންއަށް އަސަރުކޮށްފައިވާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.