ޚަބަރު

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގައި 135 ދަރިވަރަކަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކޮށްފި


  • މި ޕްރޮގްރާމަކީ މުދައްރިސުން މަދުވުމުގެ މައްސަލައަށް ޙައްލެއް ގެންނާނެ ޕްރޮގްރާމެއް

  • 21 ސްކޫލެއްގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ވަނީ ޑިގްރީ ފުރުސަތު ދެއްވާފައި

ސްކޫލް ކުދިންނަށް އަމާޒުކޮށް ފެއްޓެވި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 135 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކުރައްވައިފިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް އަދި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަކީ، ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި، ދިވެހި މުދައްރިސުން ތަމްރީނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ޝަޢުގުވެރިކަންފާޅުކުރި 21 ސްކޫލަކުން 135 ދަރިވަރުންވަނީ ސްކޯލަރޝިޕް ލިޔުން ޙަވާލުކުރައްވާފައެވެ.

• އިހަވަންދޫ ސްކޫލް
• ޖަލާލުއްދީން ސްކޫލް
• މިލަންދޫ ސްކޫލް
• ފޯކައިދޫ ސްކޫލް
• ފުނަދޫ ސްކޫލް
• މޭނާ ސްކޫލް
• ކެނދިކުޅުދޫ ސްކޫލް
• ރ. އަތޮޅު ތަޢުލީމީ މަރުކަޒު
• ތުޅާދޫ ސްކޫލް
• ޅ. އަތޮޅު ތަޢުލީމީ މަރުކަޒުތޮއްޑޫ ސްކޫލް
• ތޮއްޑޫ ސްކޫލް
• އުކުޅަހު ސްކޫލް
• ކެޔޮދޫ ސްކޫލް
• ފ. އަތޮޅު ތަޢުލީމީ މަރުކަޒު
• ދ. އަތޮޅު ތަޢުލީމީ މަރުކަޒު
• ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
• އައްޑޫ ހައި ސްކޫލް
• ސެންޓަރ ފޮރ ސެކަންޑަރީ ހަޔަރ އެޑިއުކޭޝަން، މާލެ
• ސެންޓަރ ފޮރ ސެކަންޑަރީ ހަޔަރ އެޑިއުކޭޝަން، ހުޅުމާލެ
• ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
• އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމް ފަރުމާކޮށްފައިވަނީ ގުރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސުންނަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓިޗިން ޑިގްރީގައި ބައިވެރިވެވޭގޮތަށްކަމަށެވެ. މިޕްރޮގްރާމްގެ ދަށުން މި 135 ދަރިވަރުންނަށް މަހަކު 1500 ރުފިޔާ ސްޓައިޕެންޑެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީންކުރުމަށް ހަމަޖެހިފައިވަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި ރަށްތައް ބަލައިގެން އެކަމަށް ޙައްލެއް އަންނާނެ ފަދަ ގޮތަކަށްކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

މިޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަންގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. މިޕްރޮގްރާމަކީ ތަޢުލިމީ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.