ޚަބަރު

ޒާތީ މަޢުލޫމާތު ރައްކާކުރުމާއި، ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލަށް ޚިޔާލު ހޯދުމުގެ މަޝްވަރާތައް ފަށައިފި


  • ބައްދަލުވުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށް

ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި، ސައިބަރސެކިއުރިޓީ ބިލަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ. މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" އަދި ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ "ސައިބަރ ސެކިއުރިޓީ ބިލް"އަށް ޚިޔާލު ހޯދުމުގެ ގޮތުން ދާއިރާއާއި ގުޅުންހުރި ފަރާތްތަކުގެ ބައްދަލުވުމެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި ދާޚިލީ ސަލާމަތޔާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެންނެވެ. މި ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން މީރުމާގައި ބޭއްވި ހަފްލާ ފައްޓަވައިދެއްވުމުގެ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަދި އެން.ސީ.އައި.ޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިޔާ، ޑރ. މުހައްމަދު ކިނާނަތު ވަނީ ޓެކްނޮލޮޖީއާ ގުޅިގެން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި ދެއްވަމުންދާ ހަރުދަނާ އިރުޝާދަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

"ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލާއި ސައިބަރސެކިއުރިޓީ ބިލުގެ މަޤްސަދަކީ ހަރުދަނާ އޮނިގަޑެއްގެ ތެރެއިން އަޅުގަޑުމެންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށް ރައްކާތެރިކުރުމާއި އަޅުގަޑުމެންގެ ޑިޖިޓަލް ސިސްޓަމްތަކާއި އޭގައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު އުފައްދައި ރާއްޖޭގައި އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުން" ސްޓޭޓް މިނިސްޓަރު ކިނާނަތު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ފަރުދުންގެ ޒާތީ މައުލޫމާތު ރައްކާތެރިވެގެންދާނެކަމުގެ ޔަޤީންކަމާއި އިތުބާރާއިއެކު އޮންލައިންގެ ޒަރިއްޔާއިން ރައްޔިތުން ބާރުވެރިވެގެންދާނެ މުސްތަޤްބަލެއް ޤާއިމުކުރުމުގައި މި ދެ ބިލުގެ މުހިންމުކަން ފާހަގަކުރެއްވާ ޑރ. ކިނާނަތު ވިދާޅުވީ މި ތަސައްވުރު ހާސިލްކުރުމަށް މި ބިލްތައް ފާސްކޮށްދެއްވުމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށެވެ.

ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ހާއްސަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)ގެ ބޭފުޅުން ބައިވެރިވިއެވެ.

އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވަނީ "ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް" ހުށައަޅާދެއްވާފައެވެ.

ބިލާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށްޓަކައި ބައިވެރިންގެ މެދުގައި ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ބޭފުޅުންވެސް ވަނީ ސެޝަންތަކެއް ނަންގަވާދެއްވާފައެވެ. އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި އެން.ސީ.އެސް.އޭގެ ސީ.އީ.އޯ ޑރ. އަހުމަދު ނައުފަލް އަބްދުލް ހާދީ "ސައިބަރސެކިއުރިޓީ ބިލް" ހުށައަޅައިދެއްވުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.