ރާއްޖޭގައި ރައީސްކަން ކުރެއްވި ތިން ބޭފުޅުން ބޭނުންކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލާފައިވާކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޮގުކުރައްވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ބަޔާނެއްްގައި ވިދާޅުވީ ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ މީޑިއާގައި ފޮޓޯ ދައުރުވަމުންދާ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރަކު ބޭނުންކުރައްވާފައިވާ މޭޒެއް ނޫންކަމަށެވެ.
ރައީސް އޮފީހުން ނީލަމަށް ލާފައިވާ މޭޒަކީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވެފައިވާ މޭޒެއްކަމަށާއި، އެ މޭޒު ނީލަމަށްލީ ދައުލަތުގެ އެފަދަ މުދާ ނީލަމަށް ލާން އޮންނަ އުޞޫލުތަކާއި އިޖުރާޢަތުތަކާ އެއްގޮތަށްކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އެފަދައިން ނީލަމަށްލާ ފަރުނީޗަރުތަކުގައި ދައުލަތުގެ ނިޝާން ހިމެނޭނަމަ ނީލަމަށްލުމުގެ ކުރިން އެ ނިޝާން އެ ފަރުނީޗަރުން އުނިކުރާކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ މޭޒުގެ ފޮޓޯއާއި ޚަބަރުތައް ފަތުރަމުންދަނީ، ފޮޓޯގެ އަސްލަށް ބަދަލުގެނެސްގެން، އެއީ ކުރީގެ ރައީސުން ބޭނުންކުރި ރަސްމީ މޭޒެއްގެ ގޮތުގައި ދެއްކުމަށްކަމަށް ތަރުމާނުވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެފަދަ ޚަބަރުތައް ޝާޢިއުކުރާއިރު ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން ސައްޙަ މަޢުލޫމާތު ހޯދުމަށާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ތަރުޖަމާނު އިލްތިމާސްކުރެއްވިއެވެ. އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.