ވައިގެ މަގުން ގެނައި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަންގައި 3.8 ކިލޯގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ މި ތަކެތި އަތުލައިގެންފައި ވަނީ ހުކުރު ދުވަހު، ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
މިމަހުގެ 15 ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޒަމާނީ ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައްވެސް ރާއްޖެއިން ހޯދާ އަންނަނީ ބޭނުންކުރަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މިއަހަރު ހިންގި ތަފާތު އޮޕަރޭޝަންތަކުގައި މިއަހަރުގެ ޖުލައިގެ ނިޔަލަށް 1400އަށްވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.