ޚަބަރު

ޖެޓް ހޭންޑްލިންގ ވިޔަފާރި ރެގިއުލޭޓްކޮށް އާމްދަނީ ބޭރަށް ދިއުން ހުއްޓުވަނީ


  • ޖެޓު ހޭންޑްލިން ވިޔަފާރި މިހާރު ކުރަނީ ދިވެއްސެއް ނަންމަތީ ބޭރު މީހުން ކަމަށް ވަޒީރު ވިދާޅުވި

  • އަންނަ އަހަރު ހަރުދަނާ ޤަވާއިދުތަކެއް މިކަމަށް ހަދައި އާމްދަނީ ޤައުމުގައި ހިފަހައްޓާނެ

ޖެޓް ހޭންޑްލިންގ ވިޔަފާރިން ލިބޭ އާމްދަނީ ދިވެހި ރާއްޖޭގެ ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖެޓް ހޭންޑްލިންގ ވިޔަފާރިއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ސަރުކާރު ހަވާލުވިއިރުވެސް، ޖެޓް ހޭންޑްލިންގއަކީ ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަން ކުރެވެމުން އައިސްފައިވަނީ ދިވެއްސެއްގެ ނަންމަތީ ކުންފުންޏެއް ހަދާ އޭގެ ފުރިހަމަ މަންފާ ކައިިރި ޤައުމުތަކުގެ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް އިންތިޒާމު ވެގެން ކަމަށެވެ.

އެހެންކަމުން މިކަން ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުވުމަށް ވިސްނާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތްތަކަށް މަންފާ ލިބޭ ގޮތަށް ވިޔަފާރިތައް ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ ވިސްނުންފުޅެއް ނޫން ބޭރުގެ ފަރާތްތަކަށް މަންފާވާ ގޮތަށް ކުންފުނިތައް ހިންގުމަކީ. ވަރަށް ހަރުދަނާ ބަދަލުތަކެއް އަޅުގަނޑުމެން މިއަންނަ އަހަރަށް ގެންނާނަން. ސަރުކާރުން ބޭނުންވަނީ މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 އިންސައްތަ ދިވެހި ކުންފުނިތަކުގެ ގޮތުގައި ބޭއްވުމަށް" ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު އަމީން ވަނީ ކުންފުނިތައް ރަޖިސްޓްރީ ކުރުމުގައިވެސް ޤައުމުން ބޭރަށް އާމްދަނީ ބޭރުވާ ގޮތަށް އިންތިޒާމުތައް ހަމަ ނުޖެއްސުމަށް އިލްމާސްކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ވިޔަފާރީގެ ތެރޭގައި ހިމޭނޭ ޖެނެރަލް ސޭލްސް އޭޖެންޓުންނާއި، އަދި ޕެސެންޖަރ ސޭލްސް އޭޖެންޓުންގެ ވިޔަފާރިތައްވެސް މިފަދަ ގޮތަކަށް ހިންގަމުންދާކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިކަންކަން ބަލާ އޮޑިޓް ކުރާނެ ކަމަށެވެ. އެގޮތުން މިކަމަށް ބަދަލު ގެނައުމުން ދިވެހިރާއްޖޭގައި ވިޔަފާރިކޮށްގެން ލިބޭ މަންފާ ދިވެހި ކުންފުނިތަކަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ފަށާފައިވާ ސީ ޓު އެއަރ ކާގޯ ޚިދުމަތްވެސް މިގޮތަށް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީވެސް ފަހުން މިވިޔަފާރީގެ މަންފާ އެހެން ބައެއްގެ އަތްމައްޗަށް ނުދާނެކަން ކަށަވަރުކުރުމަށް ގެނައި ބަދަލެއް ކަމަށް މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.