ޚަބަރު

ބީއެމްއެލްއިން މާސްޓަރ ކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑު ތަޢާރަފްކޮށްފި


  • ދިވެހި ރުފިޔާ ކާޑަށް 500،000 ރުފިޔާއާއި ހަމައަށް ރިލޯޑް ކުރެވޭ

  • ޑޮލަރު ކާޑަށް 100،000 ޑޮލަރާއި ހަމައަށް ރިލޯޑް ކުރެވޭ

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ޚާއްސަކޮށްގެން، މާސްޓަރ ކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑް ތަޢާރަފް ކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން މި ކާޑު ތަޢާރަފްކޮށްފައިވަނީ ހޮޓެލް ޖޭންގައި މިކަމަށް ބޭއްވި ޚާއްސަ ހަރަކާތެއްގައެވެ.

ބީއެމްއެލްއިން އަލަށް ތަޢާރަފްކުރި ބިޒްނަސް ޕްރިޕެއިޑް ކާޑަކީ ވިޔަފާރިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް މެނޭޖް ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކާޑެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް ވިދާޅުވެއެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކުން ކުރަންޖެހޭ ކުދި ޚަރަދުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ކުރަންޖެހޭ އާންމު ޚަރަދުތައް މެނޭޖްކުރުމަށް މިކާޑް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

މިކާޑު ތަޢާރަފްކުރުމާއި ގުޅިގެން އެކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެކުންފުނީގެ ޕާޓްނަރެއް ކަމަށްވާ މާސްޓަރ ކާޑާއެކު ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މިފަދަ ޚިދުމަތެއް ތަޢާރަފްކުރެވުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އަދި މިއީ ބޭންކުން ބަދަލުވަމުންދާ ވިޔަފާރީގެ މާހައުލަށް ފޯރުކޯށްދޭ އެހީތެރިކަމަށް އިތުރުވި ބޮޅެއް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ މާސްޓަރކާޑް ބިޒްނަސް ޕްރިޕެއިޑް ކާޑުގެ 2 ވައްތަރެއްގެ ކާޑު ނެރެފައިވެއެވެ. އެއީ ބޭރުގައި ކުރަންޖެހޭ ޚަރަދުތަކަށް ހާއްސަކޮށް ޑޮލަރު ކާޑަކާއި، އެތެރޭގެ ޚަރަދުތަކަށް ހާއްސަކޮށްގެން ދިވެހި ރުފިޔާ ކާޑެކެވެ. އަދި މިއިން ކޮންމެ ކާޑަކާއެކު މާސްޓަރ ކާޑާއި ގުޅޭ ޑިސްކައުންޓުތައް ލިބުމުގެ ފުރުސަތު ލިބޭ ކަމަށް ބޭންކުން ވިދާޅުވިއެވެ. މީގެ އިތުރުން ބީއެމްއެލްގެ އެޕްލިކޭޝަންއިން ވޮލެޓް ޕޭމެންޓްތައްވެސް ކާޑުން ހެދޭނެ ކަމަށް ބޭންކުން ވިދާޅުވިއެވެ.

މިގޮތުން ދިވެހި ރުފިޔާ ކާޑަށް 500،000 ރުފިޔާއާއި ހަމައަށް ރިލޯޑް ކުރެވޭއިރު، ޑޮލަރު ކާޑަށް 100،000 ޑޮލަރާއި ހަމައަށް ރިލޯޑް ކުރެވެއެވެ. މިއާއެކު ދިވެހި ރުފިޔާ ކާޑު ދުވާލެއްގެ މައްޗަށް 200،000 ރުފިޔާގެ މުޢަމަލާތް ކުރެވޭއިރު، ޑޮލަރު ކާޑުން ދުވާލެއްގެ މައްޗަށް 50،000 ޑޮލަރުގެ މުޢާމަލާތް ކުރެވޭނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ ފަންނިއްޔާތު ކުރިއަރުވައި މާލީގޮތުން ވިޔަފާރިތަކުގެ ބައިވެރިވުުން އިތުރުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަޢާރަފްކުރެވުނު ކާޑެއް ކަމަށެވެ.