ޚަބަރު

ޗައިނާގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތް ފަށައިފި


  • ދިރާސާގެ މަސައްކަތް ކުރިއަށްދާނީ މިމަހުގެ 5 އިން 21 އަށް

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތްކުރަނީ ޗައިނާ ސަރުކާރުން ފޮނުވާފައިވާ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.

ޒަމާނީ ފެންވަރަކަށް މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ހަދަންޖެހޭ ދިރާސާގެ މަސައްކަތްކުރާ ތަޖުރިބާކާރުންގެ ޓީމު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި ޓީމުން ހަދާ ދިރާސާތަކާއި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިމަހުގެ 5 އިން 21 އާ ހަމައަށް ކުރިއަށްގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ދިރާސާތައް ވާނީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދާނެ ގޮތް ރޭވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްޗަކަށް ކަމަށް ބިނާރާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.


މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. މި މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭހެން، މާލޭގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ހަދާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން ވިލިމާލޭ މަގު ހެދުމުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ޓޮޕޯގްރަފިކް ސަރވޭއާއި، ޖިއޯޓެކްނިކަލް، ހައިޑްރޮލޮޖިކަލް ސަރވޭގެ މަސައްކަތާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއަށް މި އަހަރުގެ ކުރީކޮޅު ހަވާލުކުރިއެވެ. ވިލިމާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން 5.6 ކިލޯމީޓަރުގެ މަގުހެދުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތުގައިވެސް މަގުތަކުގެ އަޑިން އަޅަންޖެހޭ ކަރަންޓާއި ނަރުދަމާ ނިޒާމާއި ފެން ހިންދާ ނިޒާމް އެޅުމަށް ހަމަޖެހިފައިވެއެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތައް ހަލާކުވެފައި އޮތުމާއި ފެންބޮޑުވާ މައްސަލައެވެ. މި މައްސަލަތަކަށް މީގެ ކުރިންވެސް ހައްލެއް ހޯދުމަށް މަސައްކަތްކޮށްފައި ވީނަމަވެސް މިހާތަނަށް އައިރުވެސް މިކަމަށް ދާއިމީ ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން ސަރުކަރުން ނިންމެވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ ބޮޑު މައްސަލަ ހައްލުކުރުމުގެ ގޮތުން މަގުތައް އަލުން ތަރައްޤީ ކުރުމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް އަލުން ތަރައްޤީކޮށް ނިމުމުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.