ޚަބަރު

ތިންވަނަ ކުއާޓަރގައި އެމްޓީސީސީއަށް 587.05 މިލިޔަން ރުފިޔާގެ އާމްދަނީއެއް


  • ކުންފުނި ހިންގައިގެންވަނީ 12.67 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައި

  • ތިންވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ 191 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައި

މިއަހަރުގެ ތިންވަނަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް ލިބުނު އާމްދަނީ %18.02 އިތުރުވެއްޖެއެވެ.

އެމްޓީސީސީން ނެރެފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން އެ ކުއާޓަރގެ ތެރޭގައިވަނީ 587.05 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ 497.41 މިލިޔަން ރުފިޔާ އާއި އަޅާ ބަލާއިރު %18.02 އިތުރު އަދަދެކެވެ.

ތިންވަނަ ކުއާޓަރގައި އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު އެކުއާޓަރގައި ކުންފުނި ހިންގައިގެންވަނީ 12.67 މިލިޔަން ރުފިޔާގެ ފައިދާއެއްވެފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި ކުންފުނި ހިންގައިގެން އެމްޓީސީސީއަށްވަނީ 20.77 މިލިޔަން ރުފިޔާގެ ގެއްލުމެއްވެފައެވެ.

ކުންފުންޏަށް މާލީގޮތުން ލިބުނު ކުރިއެރުންތަކާއެކު ތިންވަނަ ކުއާޓަރގައި ލިބުނު ގެއްލުމުގެ އަދަދުވަނީ %66.56 ކުޑަކުރެވިފައެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީސީސީއަށް 54.16 މިލިޔަން ރުފިޔާގެ ގެއްލުމެއްވެފައިވާއިރު، މިއަދަދު ތިންވަނަ ކުއާޓަރގައި ހުރީ 18.11 މިލިޔަން ރުފިޔާގައެވެ.

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރަތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. އެގޮތުން ތިންވަނަ ކުއާޓަރގައި މި ދާއިރާއިން ކުންފުންޏަށްވަނީ 484.47 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރއާ އަޅާ ބަލާއިރު %24 އިތުރު އަދަދެކެވެ.

އެމްޓީސީސީއަކީ ފުޅާ ދާއިރާއެއްގައި މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ. އެގޮތުން މިދާއިރާއިން ތިން ވަނަ ކުއާޓަރގައި 62.97 މިލިޔަން ރުފިޔާވަނީ ލިބިފައެވެ.

އެމްޓީސީސީން ބުނީ ތިންވަނަ ކުއާޓަރގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޭޝްފްލޯގެ ދަތިތައް ކަމަށެވެ. އަދި މިއީ މަޝްރޫޢުތައް ހިންގައިގެން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ ކުރިމަތިވެފައިވާ ހާލަތެއްކަމަށް އެކުންފުނިން ހާމަކުރެއެވެ. މިކަމަށް ހައްލެއް ހޯދުމަށް ކަމާއި ގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރެވެމުންދާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގައި އެމްޓީސީސީން ވަނީ 191 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. އޭގެތެރެއިން 8 މަޝްރޫޢެއްގެ މަސައްކަތްވަނީ އެކުއާޓަރގެތެރޭގައި ނިމިފައެވެ. އަދި އެ ކުއާޓަރުގެތެރޭގައި 9 މަޝްރޫޢެއްގެ މަސައްކަތްވަނީ އަލަށް ފަށާފައެވެ.